16 އޮގަސްޓު 2025 - 11:27 0
ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ތަށްޓާ އެކު ވަން އެންޑް އޮންލީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
16 އޮގަސްޓު 2025 - 11:27 0
ރިސޯޓް ވޮލީ ލީގުގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމުތަކުގެ މެދުގައި ކުޅޭ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ހޯދައިފި އެވެ.
ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގައި ފެނިގެންދިޔައީ، ސައުތު މާލެ ލީގުގެ ޗެމްޕިއަން ސަން ސިޔާމް އޮޅުވެލީގެ އިތުރުން، ނޯތު މާލެ ލީގު ޗެމްޕިއަން، ވަން އެންޑް އޮންލީ ރީތި ރަށް، ރަނަރަޕް ފޯ ސީޒަން ކުޑަ ހުރާ، ބާ ލީގު ޗެމްޕިއަން ޖޯލި ބީން އަދި އދ. ލީގު ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް އާއި ރަނަރަޕް ވިލަމެންދޫ އެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ފެނިގެންދިޔައީ، ނޯތު މާލޭ ލީގުގެ ފައިނަލުގައި ވެސް ފެނިގެންދިޔަ، ވަން އެންޑް އޮންލީ އާއި ކުޑަ ހުރާގެ ފޯރިގަދަ ކުރިމަތިލުމެކެވެ. ވަން އެންޑް އޮންލީ މޮޅުވީ 3-1 ސެޓުންނެވެ.
އެ ގޮތުން ފުރަތަމަ ސެޓު ވަން އެންޑް އޮންލީން ގެންދިޔައީ، 27-25 އިންނެވެ. މި ސެޓުގައި ފެނިގެންދިޔަ ރޫހުގައި ދެ ވަނަ ސެޓުގައި ކަންކަން އިތުރަށް ރަނގަޅުކޮށް، ކުޑަ ހުރާ އިން ވަނީ ދެ ވަނަ ސެޓު، 22-25 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ.
ކުޑަ ހުރާ އާއި ވަން އެންޑް އޮންލީ ކުޅުނު ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ތިން ވަނަ ސެޓުގައި، ރީތި ރަށުން ކުރިން ކުރި، ރަނގަޅުކަންކަން ތަކުރާރުކޮށް، ފަރަގު ބޮޑުކޮށް ސެޓުގެ ބޮޑުބައި ކުރީގައި އޮވެ، 25-18 އިން ސެޓު ނިންމާލި އެވެ. ހަތަރު ވަނަ ސެޓު ފޯރިގަދަކޮށް ފެނިގެންދިޔައިރު، މި ސެޓުގައި ދެ ޓީމުން ވެސް ލީޑުގައި އޮވެ، ސެޓުގެ ފަހުކޮޅާ ހަމައަށް ފެނިގެންދިޔައީ ވާދަވެރިކޮށެވެ. ވަން އެންޑް އޮންލީ ވަނީ މުހިންމު ވަގުތު ތަފާތު ދައްކައި، 26-24 އިން ސެޓު ނިންމާލައި، މެޗުން މޮޅުވެފަ އެވެ.
ރިސޯޓް ލީގުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވަން އެންޑް އޮންލީގެ ކަވިޝްކާ، މުހައްމަދު އަގީލް އަދި އަހުމަދު ނަބީލް (ނައްބަ)ގެ އިތުރުން ކުޑަ ހުރާގެ އިސުރު، ހުސެއިން ޔޫސުފް (ޓޯއި)، ހުސެއިން ނަސީރު އަދި އަބްދުﷲ ހަސަން އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ވަން އެންޑް އޮންލީގެ ކަވިޝްކާ އެވެ. އެންމެ މޮޅު ކޯޗަކަށް ވަން އެންޑް އޮންލީގެ ސްމިތު ހޮވުނިއިރު، އެންމެ އުންމީދީ ކުޅުންތެރިއަކީ އެ ޓީމުގެ، ޔައިޝް މުހައްމަދު ޝިހާމް އެވެ.
Comment