15 އޮގަސްޓު 2025 - 05:38 0
15 އޮގަސްޓު 2025 - 05:38 0
އިސްތަންބޫލް، ތުރުކީ (އޮގަސްޓް 15) - މިދިޔަ ސީޒަނުގެ ފަހު ބައި ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ގަލަތަސަރާއި އަށް ކުޅުނު ސްޕެއިނުގެ ފޯވާޑް، އަލްވާރޯ މޮރާޓާގެ ބާކީ މުސާރަ ލިބޭގޮތެއްނުވެ އެ ކްލަބް ދޫކޮށްލަން ޖެހުމުން އެކަމާ ފާޑުކިޔައިފި އެވެ.
ސްޕެއިނުގެ ކެޕްޓަން، މޮރާޓާ، 32، އޭސީ މިލާން ދޫކޮށް ފެބްރުއަރީ މަހު، ލޯނަކަށް ގަލަތަސަރާއި އަށް ބަދަލުވީ 10 މިލިއަން ޑޮލަރަށް އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށެވެ.
އެކަމަކު، ދިމާވި މައްސަަލަތަކަކާ ހެދި މޮރާޓާގެ ލޯން އެއްބަސްވުން މިލާނުން އުވާލީ، ގަލަތަސަރާއި އަށް 4 މިލިއަން ޑޮލަރު ދީފަ އެވެ. އަދި، މި ކަންކަމުގެ ސަބަބުން މޮރާޓާ އަށް މުސާރައިގެ ގޮތުގައި ލިބެން ޖެހޭ، 600،000 ޑޮލަރު ޖެހުނީ ދޫކޮށްލާށެވެ.
ގަލަތަސަރާއި ދޫކޮށްލިކަން އިއުލާނުކުރި ޕޯސްޓުގައި، ޗެލްސީ އާއި ޔުވެންޓަސް އަދި ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ފޯވާޑް، މޮރާޓާ ބުނެފައިވަނީ، ހަގީގަތުގައި، ގަލަތަސަރާއި އިން އޭނާއާ އެކު ވި އެއްބަސްވުމަށް އިހުތިރާމް ނުކުރާ ކަމަށެވެ. އަދި، މީޑިއާގައި ހާމަކޮށްފައިވާ އަދަދުތަކަކީ އެންމެ ރަނގަޅު ނަމްބަރުތަކެއް ނޫން ކަމަށާއި ގަލަތަސަރާއި އިން އޭނާ އަށް ދިނީ ގެއްލުމެއް ކަމަށް ވެސް މޮރާޓާ ވަނީ ބުނެފަ އެވެ.
"ގަލަތަސަރާއިގެ ސަޕޯޓަރުންނާ ބެހޭގޮތުން އަހަރެން ދައްކަން އޮތީ އެންމެ ވާހަަކައެއް، އެއީ ވަރަށް ފުރިހަމަ ކަންކަމުގެ ވާހަކަ. އެކަމަކު، ދެރަކަމަކީ، ގަލަތަސަރާއިގެ މެނޭޖްމަންޓާ ބެހޭގޮތުން، އަހަންނަށް ނެތް ރަނގަޅު ވާހަކައެއް ދެއްކެން، އެއީ އެ މީހުންގެ އަމަލުތައް ހުރީ ރަނގަޅަަކަށް ނޫން،" އެތުލެޓިކޯ މެޑްރިޑް ވެސް ކުޅުނު މޮރާޓާ ބުންޏެވެ.
މިލާނުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ސެސްކް ފަބްރެގަސް ކޯޗުކޮށްދޭ ކޯމޯ އަށް ފަބްރެގަސް ދޫކޮށްލައިފަ އެވެ.
Comment