Advertisement

މުއިއްޒު ހެއްދެވީ ކަނޑައެޅިގެން ދޮގެއް، ކައުންސިލްތަކުން އާންމު ހިދުމަތަށް ދޫކުރާ ބިމުން ބޮޑު ކުލި ނުނަގާ: ޝުޖާއު

14 އޮގަސްޓު 2025 - 20:18 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވ. އަތޮޅު ކައުންސިލުން ރައީސް މުހައްމަދު މުއިއްޒުއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


މުއިއްޒު ހެއްދެވީ ކަނޑައެޅިގެން ދޮގެއް، ކައުންސިލްތަކުން އާންމު ހިދުމަތަށް ދޫކުރާ ބިމުން ބޮޑު ކުލި ނުނަގާ: ޝުޖާއު

14 އޮގަސްޓު 2025 - 20:18 1

އާންމު ހިދުމަތްތަކަށް ކައުންސިލްތަކުން ދޫކުރާ ބިންތަކުން ބޮޑު ކުލި ނަގާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ދޮގު ހައްދަވާފައިވާ ކަމަށާއި އާންމު ހިދުމަތްތަކަށް ކައުންސިލްތަކުން ދޫކުރާ ބިންތަކުގެ ކުލި އެއް ހަމައެއްގައި ހިފަހައްޓާފައި ހުރި ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ޝުޖާއު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ކައުންސިލްތަކުން އާންމު ހިދުމަތްތަކަށް ދޫކުރާ ބިންތަކުގެ ކުލި އެއް ހަމައެއްގައި ހިފަހައްޓާފައި ކަމަށެވެ.

"ކަނޑައެޅިގެން އިތުރުފުޅެއް. އާއްމު ހިދުމަތްތަކަށް ދޫކުރެވިފަވާ ބިންތަކުގެ ކުލި އެލްޖީއޭ އިން ވަނީ ވަކި ހަމައެއްގަ ހިފަހައްޓާފަ. އެކަން އޮތީ ކުރީ ސަރުކާރުން ކޮށްފައި،" ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް ބ. ދަރަވަންދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދޭ އަސާސީ ހިދުމަތް ދޭ ކުންފުނިތަކުން ހިދުމަތް ދޭން ބައެއް ކައުންސިލްތަކުން ހޯދާ ބިމަށް ބޮޑު ކުއްޔެއް ނަގަމުންދާ ކަމަށެވެ.

"ވަރަށް ގިނަ ކައުންސިލްތަކުން ރައްޔިތުންނަށް އާންމު ހިދުމަތް ދިނުމަށްޓަކައި މި ބޭނުންކުރާ ބިންތަކުން އެބަ ކުލި ނަގާ. ފެން. ކަރަންޓު. ނަރުދަމާ. އެއާ ގުޅޭ އެކި ކަހަލަ ކަންކަމަށް މި ދޭ ބިންތަކުން ކުލިނަގާތީ. ވަރަށް ބޮޑު ކުލި އެބަ ނަގާ. އާންމު ހިދުމަތް މިއީ. އާންމު ހިދުމަތް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ރޭ ވިދާޅުވީ ކައުންސިލްތަކުން އާންމު ހިދުމަތްތަކަށް ދޫކުރާ ބިންތަކުން ބޮޑު ކުލި ނެގުމުގެ ސަބަބުން އާންމު ހިދުމަތް ދޭ ކުންފުނިތަކުން ދޭ ހިދުމަތް ވެސް އަގުބޮޑުވެގެންދާ ކަމަށެވެ. އެގޮތުން އެ ކުލި މީގެފަހުން ނުނެގޭ ގޮތަށް އަދި ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު މުއިއްޒު ވަނީ ދިފާއުކުރައްވާފަ އެވެ.

"މި ގެނައި އިސްލާހަކީ، ރައްޔިތުންނަށް މިހާ މުހިންމު އާންމު ހިދުމަތްތައްދޭ ބިންތަކުން ކުއްޔެއް ނުނެގޭނެއޭ. ކުލި ނެގީމާ ރައްޔިތުންނަށް ދޭ ހިދުމަތް އަގުބޮޑުވެގެންދަނީ. އެހެންވީމާ، ރައްޔިތުން ބާރުވެރިކުރުވަން، ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް، އާންމު ހިދުމަތްތައް ދޭ ބިންތަކުންނެއް ކުއްޔެއް ނުނެގެނެއޭ ދެނެއް، މި އިސްލާހު ގެނެވުނީމާ،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒުއަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ އާންމު ހިދުމަތް ދޭ ކުންފުނިތަކުން ރައްޔިތުން ފެލަމުން ބޮޑު ފީތައް ނަގަނީ ކައުންސިލްތަކުގެ ސަބަބުން ނޫން ކަމަށެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި އާންމު ހިދުމަތް ދޭ ކުންފުނިތަކުން ރައްޔިތުން ފެލަނީ މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ.

"އެ ކުންފުނި ތަކުން އެދަނީ އާއްމު ހިދުމަތުގެ ނަމު ރައްޔިތުން ފެލާލަމުން. އާންމު ހިދުމަތްތަކުން ބޮޑު ފީ ނަގަމުން އެދަނީ ކައުންސިލުގެ ސަބަބުން ނޫން. އެކަން އެ ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު ގެ ލަފާފުޅާ އިރުޝާދުގެ ދަށުން،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ހުރަސްއެޅޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް އެ އިސްލާހު މުއިއްޒު ތަސްދީގުކުރައްވާފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން 80 އަށްވުރެ ގިނަ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެއިތުރުން ބ. އަތޮޅަށް މުއިއްޒު ކުރެއްވި ދަތުރުގައި ބައެއް ކައުންސިލްތަކުގެ ރައީސުން ވަނީ އެމަނިކުފާނު ހުންނެވި ޖަލްސާގައި ލާމަރުކަޒީ އިސްލާހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރި އެވެ.