13 އޮގަސްޓު 2025 - 06:19 0
13 އޮގަސްޓު 2025 - 06:19 0
ސިންސިނާޓީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 13) - މިހާރު ކުރިއަށްދާ ސިންސިނާޓީ އޯޕަންގެ ތިން ވަނަ ބުރުގައި، ސާބިއާގެ ހަމަދު މެޑްޖެޑޯވިޗް ކައިރިން ކުރިހޯދައި، ސްޕެއިނުގެ ތަރި، ކާލޯސް އަލްކަރާޒް ޖެހިޖެހިގެން ހަތަރު ސީޒަނުގައި 50 މޮޅު ހަމަކޮށްފި އެވެ.
ދުނިޔޭގެ ރޭންކިން ދެ ވަނައިގައި އޮތް އަލްކަރާޒް، 22، ވަނީ ފަސޭހަކަމާ އެކު، 6-4، 6-4 އިން ސެޓުތައް ގެންގޮސް މެޑްޖެޑޯވިޗް އަތުން މޮޅުވެފަ އެވެ. ހަތަރު ވަނަ ބުރުގައި އަލްކަރާޒް ކުޅެން ޖެހޭނީ، އިޓަލީގެ ލޫކަ ނާޑީއާ އެވެ.
އަލްކަރާޒް، ޖެހިޖެހިގެން ހަަތަރު ވަނަ އަަހަރު 50 މޮޅު ހަމަކުރިއިރު، އެންމެ ފަހުން އެކަން ހާސިލްކުރެވިފައިވަނީ، 24 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ. ޖޮކޮވިޗް، އެކަން ހާސިލްކުރީ، މީގެ ނުވަ އަހަރު ކުރިން، 2013 އިން 2016 އަށެެވެ.
ސިންސިނާޓީ އޯޕަންގެ ތިން ވަނަ ބުރުގައި، އަލްކަރާޒަށް އެ ލިބުނު މޮޅާ އެކު، އޭނާ މި ވަނީ، ޓެނިހުގެ މާސްޓާސް 1000 މުބާރާތްތަކުގައި ޖެހިޖެހިގެން 13 ވަނަ މޮޅު ހޯދައިފަ އެވެ.
ފަސް ގްރޭންޑް ސްލޭމް ހޯދާފައިވާ އަލްކަރާޒް ބުނީ، މެޗުތަކުން މޮޅުވިޔަސް، ރަނގަޅު ޓެނިސް މެޗެއް ކުޅެވޭ ކަމުގެ އިހުސާސް ކުރެވެނީ މަދު ފަހަރަކު ކަމަށެވެ. އަދި، ހިތްހަމަޖެހިލައިގެން ކޮންފިޑެންސާ އެކު ކުޅެވޭ މެޗެއް ނިންމާލުމަށް ފަހު، ކުރިއަށް ފޯކަސް ބެހެއްޓުމުގައި ފަސޭހަވެގެންދާ ކަމަށެވެ.
އަލްކަރާޒްގެ ފޯކަސް ހުރީ މި މަހު ފަހުކޮޅު ފަަށާ ޔޫއެސް އޯޕަން އަށެވެ. މިދިޔަ އަހަރު، ޔޫއެސް އޯޕަންގެ ދެ ވަނަ ބުރުން، ނެދަލެންޑްސްގެ ބޮޓިކް ވެން ޑެ ޒަންޑްޝަލްޕް އަތުން ބަލިވެ، އަލްކަރާޒް ވަނީ، މުބާރާތުން ކަޓައިފަ އެވެ. މި ފަަހަރުގެ ޔޫއެސް އޯޕަން ފަށާނީ މި މަހު 24 ވަަނަ ދުވަހު އެވެ.
Comment