މެލްބާން (ޖެނުއަރީ 22) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ ބުރުގައި، ސްޕެއިނުގެ ޕެޑްރޯ މާޓިނޭޒް އަތުން މޮޅުވެ، ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް ޓެނިހުގެ ވަރުގަދަ ތިން މުބާރާތުގައި 100 މޮޅު ހަމަކޮށްފި އެވެ.
އުމުރުން 38 އަހަރުގެ ޖޮކޮވިޗް ވަނީ ޕެޑްރޯ އަތުން، 6-3، 6-2 އަދި 6-2 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު، ޖޮކޮވިޗް މި މެޗުން މޮޅުވެ، އޮސްޓްރޭލިއަން އޯޕަންގައި 100 ވަނަ މޮޅު ހޯދިއިރު، އޭނާ ވަނީ ފްރެންޗް އޯޕަންގައި 101 މެޗުން މޮޅުވުމުގެ އިތުރުން، ވިމްބަލްޑަން ޓެނިސް މުބާރާތުގައި 102 މެޗުން މޮޅުވެފަ އެވެ.
ދިހަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް، މި ފަަހަރުގެ މުބާރާތް ކާމިޔާބުކޮށް ޓެނިހުގެ ގްރޭންޑް ސްލޭމް 25 ވަނަ ތަށި ހޯދަން އަމާޒުހިފައިގެން ހުރި ޖޮކޮވިޗް ބުނީ، ތާރީހީ ކަމެއް ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ތަފާތު ކުޅުމެއް ދައްކަން ހިތްވަރު ލިބޭ ކަމަށެވެ.
"ތާރީހު ލިޔެލަން ލިބޭ ފުރުސަތުގެ ބޭނުންހިފުމަކީ އާދަޔާހިލާފު މޯޓިވޭޝަނެއް އެކުލެވޭ ކަމެއް. ހާއްސަގޮތެއްގައި މިދިޔަ 10 ވަރަކަށް އަހަރަށް ބަލާނަމަ، އަހަރެންގެ ކެރިއަރުގައި ތާރީހީ ކަމެއް ކުރަން ފުރުސަތު އޮންނަ ކޮންމެ ފަހަރަކު އަހަންނަށް ތަފާތު ރޫހެއްގައި ކުޅެލެވޭ،" ޖޮކޮވިޗް ބުންޏެވެ.
އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުގައި، ޖޮކޮވިޗް ކުޅޭނީ ކޮލިފައިން އިން އައި، އިޓަލީގެ ފްރަންޗެސްކޯ މައެސްޓްރެއްލީއާ އެވެ. ޖޮކޮވިޗް ބުނީ، ވަަރުގަދަ މުބާރާތްތަކުގައި މިހާރު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ހަށިގަނޑު ބަލަހައްޓަނީ މެޗުން މެޗަށް ފިޒިކަލީ ރިކަވާވުމަށް ކަމަށެވެ.
Comment