8 ޖަނަވަރީ 2026 - 14:14 0
8 ޖަނަވަރީ 2026 - 14:14 0
ބެލްގްރޭޑް، ސާބިއާ (ޖެނުއަރީ 8) - ސާބިއާގެ ޓެނިސް ތަރި، ނޮވަކް ޖޮކޮވިޗް، އޭނާ އިސްވެ އުފެއްދި ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރާ ޔޫނިއަން، ޕްރޮފެޝަނަލް ޓެނިސް ޕްލޭޔާސް އެސޯސިއޭޝަން (ޕީޓީޕީއޭ) އިން ވަކިވެއްޖެ އެވެ.
ޕީޓީޕީއޭ އުފެއްދީ، 2021 ވަނަ އަހަރު ޖޮކޮވިޗް އާއި ކެނަޑާގެ ވަސެކް ޕޮސްޕިސިލްއާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ މާޗް މަހު، ޕީޓީޕީއޭ އިން ވަނީ، ބައިނަލްއަގުވާމީ ދެ ޓެނިސް ޖަމިއްޔާ، އޭޓީޕީ އާއި ޑަބްލިއުޓީއޭއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އެއީ، ކުޅުންތެރިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ނުބަލައި މުބާރާތްތަކުގެ ޝެޑިއުލް ހަދާ މައްސަލައިގަ އެވެ.
އެ މައްސަލައިގައި، އޭޓީޕީ އާއި ޑަބްލިއުޓީއޭ އިން ވަނީ ޕީޓީޕީއޭގެ އެ ތުހުމަތަށް އިންކާރުކޮށް، އަމިއްލަ ހައްގު ދިފާއުކުރާނެ ކަމަށް ބުނެފަ އެވެ.
ދާދި ފަހުން، ޖޮކޮވިޗް، 38، އެކްސް (ކުރިން ޓްވިޓާ)ގައި ޕޯސްޓްކުރިއިރު ބުނެފައިވަނީ، ވަރަށް ރަނގަޅަށް ޕީޓީޕީއޭގެ ކޭސް ދިރާސާ ކުރުމަށް ފަހު ނިންމާފައިވަނީ، އެ ޔޫނިއަންއާ އޮތް ގުޅުން ކަނޑާލުމަށް ކަމަށެވެ. ސަބަބަކީ، އޭނާ އަށް ގަބޫލުނުކުރެވޭ މިސްރާބަކަށް ޔޫނިއަންގެ ކަންކަން ހިނގަން ފެށުމެވެ.
"ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވަން، ވަސެކް އަށް އަބަދުވެސް އިހުތިރާމް އޮންނާނެ. އެކަމަކު، މި ވަގުތު ޕީޓީީޕީއޭގެ މިސްރާބު ނޫނީ ވިސްނުން އެހެރީ އަހަރެން ގަބޫލުކުރާ ހަމަތަކާ އެއްގޮތަކަށް ނޫން، އެހެންވެ، ވަކިވާން ނިންމީ،" ޖޮކޮވިޗް ބުންޏެވެ.
ޕީޓީޕީއޭ އިން ބުނީ، ޖޮކޮވިޗް ވަކިވުމަކީ ދެރައެއް ކަމަށާއި އެކަމަކު، އެ ޔޫނިއަނުން ކުޅުންތެރިންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓައެއްނުލާނެ ކަމަށެެވެ. އަދި، އެކި ފަރާތްތަކުން އެ ޔޫނިއަން އަށް އަންނަ ފިއްތުންތަކާއި ބަދުނާމުތަކާ ދެކޮޅަށް ވެސް ކުޅުންތެރިންގެ އަޑުއުފުލާނެ ކަމަށް ޕީޓީޕީއޭ އިން ވަނީ ބުނެފަ އެވެ.
Comment