އެތަންސް، ގްރީސް (ޖެނުއަރީ 2) - ގްރީސް އަށް އުފަން މަޝްހޫރު ތަރި، ސްޓެފާނޯސް ސިޓްސިޕާސް އަނިޔާގެ މައްސަލަައިގެ ސަބަބުން މިދިޔަ އަހަރު ރިޓަޔާކުރަން ވިސްނި ކަމަށް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ސިޓްސިޕާސް އަކީ މީގެ ކުރިން ދުނިޔޭގެ ރޭންކިން ތިން ވަނައިގައި އޮތް ކުޅުންތެރިއެކެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ފްރެންޗް އޯޕަން އާއި 2023 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ޖޮކޮވިޗް އަތުން ބަލިވެފަ އެވެ. ސިޓްސިޕާސް މި ވަގުތު އޮތީ ދުނިޔޭގެ ރޭންކިން 36 ވަނައިގަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު، ޔޫއެސް އޯޕަން މުބާރާތުގެ ދެ ވަނަ ބުރުން ކެޓި ސިޓްސިޕާސް، އޭގެ ފަހުން ކުޅެފައިވަނީ، ޑޭވިސް ކަޕްގައި ދެ މެޗެވެ. ސިޓްސިޕާސް ބުނީ، އަނިޔާއިން ފަރުވާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި މިހާރު ބޮޑު ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
"އަހަންނަށް އެންމެ ބޮޑު ބިރަކަށް ވެފައި އޮތީ މެޗެއް އެއްކޮށް ރަނގަޅަށް ހުރެ ފުރިހަމަ ކުރެވިދާނެތޯ އުފެދިފައިވާ ސުވާލަށް. އެއީ މިދިޔަ އަހަރު ހައެއް ނޫނީ އަށް ވަރަކަށް މަހު މި އުޅުނީ މުޅިން ފިޓްކޮށެއް ނޫން. ރިޓަޔާކުރުމުގެ ވިސްނުންތަކެއް ވެސް އައި،" ބުރަކަށްޓަށް ލިބިފައިވާ އަނިޔާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ސިޓްސިޕާސް ބުންޏެވެ.
އޭނާ ބުނީ، ޔޫއެސް އޯޕަން އިން ކެޓި މެޗަށް ފަހު، ޖެހިގެން އައި ދެ ދުވަހު ރަނގަޅަށް ނުވެސް ހިނގޭ ކަމަށެވެ. އެއީ، ކެރިއަރު ކުރިއަށްގެންދެވިދާނެތޯ އެންމެ ބޮޑެތި ކަންބޮޑުވުންތައް އައި ދުވަސްތައް ކަމަށް ސިޓްސިޕާސް ވަނީ ބުނެފަ އެވެ.
މި އަހަރު އެންމެ ބޮޑަށް މަސައްކަތް ކުރާނީ މެޗަކާ ކުރިމަތިލާއިރު، އެ މެޗެއް އެއްކޮށް ކުޅެވިދާނެތޯ އުފެދޭ ސުވާލުތަކުން އަރައިގަނެގެން، މެޗުން މޮޅުވުމުގެ ފޯކަސް ދަމަހައްޓައިގެން ފޯމަކަށް އެޅުމަށް ކަމަށް ސިޓްސިޕާސް ވަނީ ބުނެފަ އެވެ.
އޮސްޓްރޭލިއަން އޯޕަންގައި ކުޅުމުގެ ކުރިން، ޕާތުގެ ޔުނައިޓެޑް ކަޕްގައި ވާދަކުރަމުން އަންނަ ސިޓްސިޕާސް ހުރީ ރަނގަޅު ފޯމެއްގަ އެވެ.
Comment