Advertisement

ތިމާވެއްޓަށް ފާރަވެރިވާ އީޕީއޭ އުވާލައި އެންވަރަމަންޓް މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލުކުރަނީ

12 އޮގަސްޓު 2025 - 12:13 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އީޕީއޭގެ ބޯޓު "ތިމާވެށި". ރާއްޖޭގައި މިފަދަ އިދާރާއެއް އޮތް ނަމަވެސް ތިމާވެށި ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާ ކަމުގެ ކަންބޮޑުވުން އެބައޮތް --- ފޮޓޯ: އަދަދު ފައިލް


ތިމާވެއްޓަށް ފާރަވެރިވާ އީޕީއޭ އުވާލައި އެންވަރަމަންޓް މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލުކުރަނީ

12 އޮގަސްޓު 2025 - 12:13 1

ތިމާވެއްޓަށް ފާރަވެރިވުމުގެ ޒިންމާ މަތިކޮށްފައިވާ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލައި އެ އެޖެންސީގެ މަސައްކަތްތައް އެންވާރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ޑިސެމްބަރު 18، 2008، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދި އީޕީއޭ އުވާލަން ނިންމާފައިވާކަން ތަފާތު އެކި މަސްދަރުތަކުން އަދަދު އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

"މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ހަދާ އެންވާރަމަންޓާލް އެސެސްމަންޓް ހެދުމުގެ ޕްރޮސެސް ކުރުކޮށް، އަވަސް ކުރެވޭނެ ގޮތްތަކެއް ބައްލަވައި، ތަރައްގީގެ މަޝްރޫއުތައް އަވަހަށް ކުރިއަށްގެންދެވޭނެ ގޮތަށް ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރައްވައި 10 ޖުލައިގެ ކުރިން ގެޒެޓު ކުރެއްވުން،" ސަރުކާރުގެ ދުވެލި ޕޯޓަލްގައި ފޮނުވި ނޯޓިސްގައި ބުނެފައި ވެ އެވެ.

އީޕީއޭއަކީ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ސައިންޓިފިކް، ރެގިޔުލޭޓަރީ އަދި އެންފޯސްމަންޓް އިދާރާއެކެވެ. އެ އިދާރާގެ އިސްވެރިޔަކަށް ހުންނެވީ އިބްރާހިމް ނައީމް އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދިފަހުން ވެލިދޫގެ ސިނާއީ ސަރަހައްދުގެ ބިން ހިއްކުމަށް ފުރިހަމަ އީއައިއޭއެއް ހަދާފައި ނުވެ އެވެ. އެ މަސައްކަތް ފެށީ މުއިއްޒު އެ ރަށަށް ކުރި ދަތުރާ ދިމާކޮށެވެ. ސަރުކާރުން އީއައިއޭގެ ބާރުތައް ހަނިކުރަން ވިސްނަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އީޕީއޭގެ މައިގަނޑު މަސްއޫލިއްޔަތުތައް

  1. ހިމާޔަތް ކޮށްފައިވާ ތަންތަނާއި ތަކެތި ބެލެހެއްޓުމުގެ ކަންކަން ރެގިއުލޭޓުކުރުމާއި، ހިމާޔަތް ކޮށްފައިވާ ތަންތަނާއި ތަކެތި ބެލެހެއްޓުމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  2. ރާއްޖޭގެ ތިމާވެށްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް، އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ، ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް، ހެދުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިންގައި ބެލެހެއްޓުން
  3. ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް، ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ދޭ ފަރާތްތައް ޖޫރިމަނާ ކުރުމާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމާއި، އެކަމާބެހޭ ކަންތައްތައް ހިންގުން
  4. ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ގާނޫނުތަކާއި، ގަވާއިދުތަކަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި، ކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން

އީއައިއޭ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދަށް ވެސް މިއަދު ބަދަލުތަކެއް ވަނީ ގެނެސްފަ އެެވެ.

އީޕީއޭގެ އިދާރާއެއްގެ ގޮތުގައި އުފެއްދުމުގެ ކުރިން މަސްއޫލިއްޔަތުތައް އޭގެ ކުރިން އަދާކުރަމުންދިޔައީ އެންވާރަމަންޓް ރިސާޗު ސެންޓަރާއި މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ އިންނެވެ. އަބަދުވެސް އީޕީއޭގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އެންވާރަމަންޓް މިނިސްޓްރީގެ ދަށުންނެވެ.