Advertisement

އެންމެ ފަހުން ސިޓީން ގްރީލިޝް ލޯނަކަށް އެވަޓަނަށް ދޫކޮށްލަނީ

12 އޮގަސްޓު 2025 - 07:08 0


އެންމެ ފަހުން ސިޓީން ގްރީލިޝް ލޯނަކަށް އެވަޓަނަށް ދޫކޮށްލަނީ

12 އޮގަސްޓު 2025 - 07:08 0

މެންޗެސްޓާ (އޮގަސްޓް 12) - މެންޗެސްޓާ ސިޓީން އިނގިރޭސި މިޑްފީލްޑަރު، ޖެކް ގްރީލިޝް ގަންނަން ކިޔާ އަގަށް ގަންނާނެ ކްލަބެއް ނުވުމުން، އޭނާ ލޯން އުސޫލުން އެވަޓަން އަށް ދޫކޮށްލަން ނިންމައިފި އެވެ.

ގްރީލިޝް، 29، މީގެ ހަތަރު އަަހަރުކުރިން، 2021 ވަނަ އަހަރު ސިޓީ އަށް ބަދަލުވީ، އޭރު އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. އެ ގޮތުން، ސިޓީން ގްރީލިޝް ގަތީ 120 މިިލިއަން ޑޮލަރުގެ ފީއެއް އެސްޓަން ވިލާ އަށް ދައްކައިފަ އެވެ. އެކަމަކު، އެ އަގާ އެއްވަރުގެ ކުޅުމެއް އަދި ގްރީލިޝް އަށް ސިޓީގައި ނުދެއްކެ އެވެ.

ޖޫން/ޖުލައިގައި އެމެރިކާގައި ކުރިއަށްދިޔަ ފީފާ ކްލަބް ވޯލްޑް ކަޕަށް ސިޓީން ނެގި ސްކޮޑުގައި ގްރީލިޝް ނުހިމެނެ އެވެ.

ސިޓީން މި ފަހަރުގެ ޓްރާންސްފާގައި ގްރީލިޝް ވިއްކާލަން ބޭނުންވަނީ، އެންމެ ކުޑަކޮށް ވެސް 70 މިލިއަން ޑޮލަރަށެވެ. އެކަމަކު، ގްރީލިޝް ގަންނަން އެންމެ ފުރަތަމަ ހިޔާލުފާޅުކުރި، ނަޕޯލީން ވެސް އެ ވަރުގެ ބިޑެއް ކުރަން ބޭނުމެއް ނުވެ އެވެ. އަދި، ފަހުން ޓޮޓެންހަމް ހޮޓްސްޕާސް އިން ވެސް ގްރީލިޝް އަށް ޝައުގުވެރިކަން ފާޅުކުރުމަށް ފަހު، ރަސްމީކޮށް ބިޑެއް ނުކުރެ އެވެ.

އެހެން ނަމަވެސް، އެވަޓަން އިން މިހާރު ވަނީ ގްރީލިޝް ގެންނަން އެއްބަސްވުމަކަށް އަތުވެފަ އެވެ. އެވަޓަންގެ މެޑިކަލް ޓެސްޓްތަކުގައި ބައިވެރިވެ، ލޯން އެއްބަސްވުމެއްގައި ގްްރީލިޝް ސޮއިކުރާއިރު، އެ ކޮންޓްރެކްޓް ދާއިމީ ކުރާނެ މާއްދާއަކާ މެދު އަދި އަންނަނީ މަޝްވަރާތަކެއް ކުރެވެމުންނެެވެ.