Advertisement

އިންޖީނެއް ހަލާކުވެގެން ކަމަށް ބުނެ އައްޑޫއިން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފި

11 އޮގަސްޓު 2025 - 15:32 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އައްޑޫއިން ކަރަންޓު ކަނޑާ މައްސަލައިގައި މީގެ ކުރިން އެ ސިޓީގެ ރައްޔިތުން މުޒާހަރާ ކުރަނީ -- ފޮޓޯ: އަދަދު


އިންޖީނެއް ހަލާކުވެގެން ކަމަށް ބުނެ އައްޑޫއިން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފި

11 އޮގަސްޓު 2025 - 15:32 0

އިންޖީނެއް ހަލާކުވެގެން ކަމަށް ބުނެ އައްޑޫ ފޭދޫ ސިއްހީ މަރުކަޒު ހިމެނޭހެން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފި އެވެ.

އައްޑޫ މަރަދޫފޭދޫ ފެނަކަ ބްރާންޗުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކަރަންޓު ކަނޑަން ނިންމީ އެ ސިޓީއަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

"އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ސެންޓްރަލް ޕަވާ ސްޓޭޝަންގެ ހާލަތު މިވަގުތު ހުރި ގޮތުން، ޕީކް ލޯޑް ވަގުތުތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް،" ފެނަކައިން ނެރުނު އިއުލާނުގައި ބުންޏެވެ.

އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެނަކައިގެ ޓެކްނިކަލް ޓީމުން ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.

ކަރަންޓު ކަނޑާނެ ކަމަށް ލަފާކުރެވޭ ތަރުތީބު

  • މަރަދޫ، ބޮޑުގެ ސަރަހައްދު
  • މަރަދޫ، ފެނަކަ އޮފީސް ސަރަހައްދު
  • މަރަދޫ، ކިއުކޯނާ ސަރަހައްދު
  • މަރދޫ ފޭދޫ، މަސްޖިދުއް ނޫރު ސަރަހައްދު
  • މަރަދޫ ފޭދޫ، މަސްޖިދުއް ތަގްވާ ސަރަހައްދު
  • ފޭދޫ، 55 ނަންބަރު ރޯ ހައުސް، ސިއްހީ މަރުކަޒު، އެއިމްސް، ގްލޫޓަން ސަރަހައްދު
  • ފޭދޫ. ޝޭޑް ފިހާރަ ސަރަހައްދު
  • ފޭދޫ، އެސްޓީއޯ ސަރަހައްދު
  • ފޭދޫ، މާދެލަ ސަރަހައްދު

އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި މިދިޔަ އަހަރުން ފެށިގެން އެ ސިޓީން ދަނީ ދޭތެރެދޭތެރެއިން ކަރަންޓު ކަނޑަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހުގެ ވެސް ބޮޑުބައި އައްޑޫ ރައްޔިތުން ހޭދަކުރީ ކަނު އަނދިރީގަ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް މައްސަލަ ހައްލުވެފައެއް ނުވެ އެވެ. އަދި އެކަން އެގޮތަށް ދިމާވާ ސަބަބެއް ވެސް ފެނަކައިން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ތަހުގީގު ކުރުމަށް އަދަދު އިން ކުރި މަސައްކަތުން ވަނީ އައްޑޫ ހިމެނޭހެން ރާއްޖޭގެ ތަފާތު އެކި ރަށްތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެނެސްފައި ހުރީ ބާ ޖެނެރޭޓަރުތަކެއްކަން އެނގިފަ އެވެ.

އެހެންނަމަވެސް އެކަމާ ގުޅިގެން ވެސް މިހައިތަނަށް ފެނަކައިން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.