11 އޮގަސްޓު 2025 - 13:19 0
މުހައްމަދު ޝަހްޒާން
ބ. ކަމަދޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް އެއްބަސްވެ މޯލްޑިވިއަން އާއި ހޯކްސް ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
11 އޮގަސްޓު 2025 - 13:19 0
ބ. ކަމަދޫގައި ސީޕްލޭންގެ ހިދުމަތް ދޭން ފެށުމުގެ އެއްބަސްވުމެއްގައި ހޯކްސް ހޮޓެލްސް އާއި މޯލްޑިވިއަން އާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
ކަމަދޫގައި ސީޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި މޯލްޑިވިއަން އާއި ހޯކްސް އާ ދެމެދު ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގަތުމާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ސީޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް އިޔާޒް އެވެ. ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، ހުސެއިން އަމަން އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކަމަދޫއަށް ސީޕްލޭންގެ ހިދުމަތް ތައާރަފު ކުރުމާއެކު އެ ރަށުގެ އިގުތިސާދަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.
"ސީޕްލޭންގެ ހިދުމަތް ފެށިގެން ދިޔުމަކީ ލޯކަލް ޓޫރިޒަމް މިހައި ބޮޑަށް ތަރައްގީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ރަށަކަށް ވާއިރުގައި ވަރަށް ބޮޑު އިގުތިސާދީ ފައިދާއެއް މި ރަށަށް ކުރާނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
ކަމަދޫގައި ސީޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުން މުއިއްޒު ވަނީ ހޯކްސް އާއި މޯލްޑިވިއަންގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ކަމަދޫ އަކީ އެ އަތޮޅު ތަރައްގީގެ ލިސްޓުގައި ތަންކޮޅެއް ފަހަތުގައި އޮންނަ ރަށެއް ކަމަށް ވިދާޅުވެ މުއިއްޒު ވަނީ އެ އަތޮޅުގެ އެހެން ރަށްރަށާއި އެ ރަށް ތަފާތު ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ސީޕްލޭން ހިދުމަތް ފެށުމުގެ އިތުރުން ކަމަދޫ ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް އެވެ. ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު އެވެ.
Comment