Advertisement

ހަބަރު ޖެހުމުން އަމާޒުވީ ފާޑުކިޔުންތަކާއެކީ ސެންޓްރަލް ޕާކުގައި ނުނަގާ ހުރި ޓެންޓު ރޫޅާލައިފި

11 އޮގަސްޓު 2025 - 11:07 0

ސެންޓްރަލް ޕާކުން ޓެންޓް ނަގާފައި. އެ ޓެންޓް ނެގީ ދެ މަސްދުވަސް ފަހުން --- ފޮޓޯ: އަދަދު


ހަބަރު ޖެހުމުން އަމާޒުވީ ފާޑުކިޔުންތަކާއެކީ ސެންޓްރަލް ޕާކުގައި ނުނަގާ ހުރި ޓެންޓު ރޫޅާލައިފި

11 އޮގަސްޓު 2025 - 11:07 0

މިދިޔަ މެއި މަހުގެ ފަހުކޮޅު ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2025" އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮފިޝަލް އިވެންޓްސްއިން ޖެހި ޓެންޓު އެ ތަނުގައި ބޭނުންނުކޮށް ހުންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން އިއްޔެ ރޫޅާލައިފި އެވެ.

އޮފިޝަލް އިވެންޓުން ބެހެއްޓި ޓެންޓު ރޫޅާލާފައި މިވަނީ، އެ ޓެންޓު އެތަނުން ނަގަން ތަކުރާރުކޮށް އެންގުމުން ވެސް ނުނަގާ ހުރި މައްސަލައިގެ ހަބަރު ހެދުމުން އާންމުންގެ ފާޑުކިޔުން ބޮޑުވީ ފަހުންނެވެ. އިއްޔެ ހެނދުނު ޓެންޓުގެ ދަގަނޑު ސްޓްރަކްޗަރު ރާވާފައި ހުރި ނަމަވެސް، މިއަދު ހެނދުނު އެ ދަގަނޑުތައް ވަނީ އެއްކޮށް ރޫޅާލާފަ އެވެ.

މި މައްސަލައިގައި ފާޑުކިޔުން ބޮޑުވީ ސެންޓްރަލް ޕާކަކީ ވިޔަފާރި އުސޫލުން ދޫކުރާ ތަނަކަށް ވެފައި، އެއްވެސް އަގެއް ނުނަގާ ގޮތަށް އެތަނުގައި ޓެންޓު ބަހައްޓާފައި ހުންނަން ފުރުސަތު ދިނުމުންނެވެ.

މިކަމާ ގުޅިގެން މި ނޫހާ ވާހަކަދެއްކި މީހުން ބުނީ ޓެންޓު ނުނެގިޔަސް ފިޔަވަޅެއް ނޭޅި ވަނީ އޮފިޝަލް އިވެންޓްސްގެ ހިއްސާދާރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ ސިޔާސީ ބާރުވެރިކަމާ ހުރެ ކަމަށެވެ.

ޓެންޓު މައްސަލަ ފެންމަތިވީ ފަހުން ޓޫރިޒަމް މިނިސްޓްރީން އެ ވަރުގެ ޓެންޓެއް ހޯދަން ކުރި އިއުލާނަކާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ޓެންޓެއް ގަންނަން ކުރި އިއުލާނަކާ ގުޅިގެން މި މައްސަލަ ވަނީ އިތުރަށް ގޯސްވެފަ އެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ތުހުމަތުކުރަނީ މިއީ ސެންޓްރަލް ޕާކުގައި ހުރި ޓެންޓު ގަންނަން ވެގެން، ހިންގާ ހިޔާނާތެއް ކަމަށެވެ. މި ތުހުމަތުތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ ނޫނީ އެޗްޑީސީއަކުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.