11 އޮގަސްޓު 2025 - 10:33 0
ސާއިފް ޝިޔާދު
މަޖިލީހުގެ ޖަލްސާއެއްގައި ޝަމްހީދު ވާހަކަ ދައްކަވަނީ. މިފްކޯއިން އެންސިސް ގަތުމުގެ މުއާމަލާތާ ގުޅޭގޮތުން ސުވާލު އުފެއްދި. --- ފޮޓޯ: މަޖިލިސް އިދާރާ
11 އޮގަސްޓު 2025 - 10:33 0
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި ހިންގި ކޭނަރީ ގަތުމުގެ ކުރިން މިނިވަން އޮޑިޓެއް ހަދައި އެތަނުގެ އަގުމަގު ކުރުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފި އެވެ.
އެ ކޭނަރީ ގަންނަން އުޅޭކަން މިފްކޯއިން ހާމަކުރީ އޮގަސްޓު 9، ގަ އެވެ. ކޭނަރީ ގަތުމަށްޓަކައި ހަދަން ޖެހޭ ދިރާސާތައް ނިމިފައިވާ ކަމަށް މިފްކޯއިން އެ ދުވަހު ބުނެފައި ވެ އެވެ. ކޭނަރީ ގަންނަ އަގެއް އެ ކުންފުނިން އެ ދުވަހު ހާމައެއް ނުކުރެ އެވެ.
"އަޅުގަނޑު ގޮވާލަން މިނިވަން އޮޑިޓެއް ހަދަން، އިންޑެޕެންޑެންޓް ބައެއް ލައްވައި އެތަނުގެ ވެލުއޭޝަން ހަދަން،" ޝަމްހީދު ވިދާޅުވި އެވެ.
އެންސިސްއިން ބުނާ ގޮތުގައި އެ ކޭނަރީއަކީ ގާތްގަނޑަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ކޭނަރީއެކެވެ. އެ ކޭނަރީ އަޅަން ފަންޑު ހޯދާފައި ވަނީ ޖަރުމަނު ޑިވެލޮޕްމަންޓް ބޭންކުންނެވެ. އެއީ އީޔޫ އެޕްރޫވްޑް ފެކްޓަރީއެކެވެ.
"މި ފެކްޓްރީ ހުޅުވިއިރު، މަސައްކަތް ކުރިއިރު އެބަ ބުނޭ 15 މިލިއަން ޑޮލަރޭ މިތަނުގެ އަގަކީ. މިހާރު އެބަ ބުނޭ 25، ގަންނަން ވިއްކާ އަގަކީ 40 މިލިއަން ޑޮލަރޭ ވެސް އެބަކިޔާ. ކޮންމެވެސް އެއް ބަޔަކު އެބަ ޖެހޭ މިނިވަންކަމާއެކު މިތަން އޮޑިޓު ކުރަން،" ޝަމްހީދު ވިދާޅުވި އެވެ.
އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަކަށް ދުވާލަކު 30 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލް ހުރި ކޭނަރީއެކެވެ. އަދި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެ ފެކްޓަރީގައި ހުރެ އެވެ.
"ރާއްޖޭގައި ހުރީ އެންމެ ފެކްޓްރީއެއް ނޫން. ބިޑު ޕްރޮސެސްއެއްގައި ފަހަރެއްގައި މިއަށް ވުރެ އަގުހެޔޮކޮށް ވެސް ފެކްޓްރީއެއް ލިބިދާނެ. އަޅުގަނޑުމެން ބޭނުންވަނީ ކޭނަރީއެއް ކަމަށްވާނަމަ ކޭނަރީތައް އެބަހުރި ށ. އަތޮޅުގައި ވެސް. ދައުލަތަށް ރަނގަޅު އެތަން ނަގަން ވެސް،" އޭނާ ވިދާޅުވި އެވެ.
އެ ކޭނަރީ 2023 ވަނަ އަހަރު ހުއްޓައިލީ މިފްކޯއަށް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރުމުންނެވެ.
އެންސިސްގެ ކޭނަރީގައި މީގެ ކުރިން 200 މީހުން ވަޒީފާ އަދާ ކުރި އެވެ. މިހާރު އެންސިސް އިން ރާއްޖޭގައި މަސް ޕްރޮސެސް ނުކުރި ނަމަވެސް މަސް އެކްސްޕޯޓު ކުރެ އެވެ. އެ ކުންފުނީގެ ވެބްސައިޓުގައި ބުނާ ގޮތުން އެންސިސްއިން ލަންކާގައި ވެސް މަސް ޕްރޮސެސް ކުރެ އެވެ.
އެ ކުންފުނިން އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް، ތައިލެންޑު އަދި މޮރިޝަސްގެ އިތުރުން ޔޫރަޕާއި އެމެރިކާ ހިމެނެ އެވެ.
Comment