10 އޮގަސްޓު 2025 - 21:45 0
10 އޮގަސްޓު 2025 - 21:45 0
ލަންޑަން (އޮގަސްޓް 10) - ޕެނަލްޓީ ޖަހައިގެން 3-2 އިން ލިވަޕޫލް ބަލިކޮށް ކްރިސްޓަލް ޕެލަސް އިން އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި އެވެ.
މިދިޔަ ސީޒަނުގައި، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި، ޕެލަސް އަކީ އަލަށް ޝީލްޑް މެޗުގައި ކުޅެ، މިދިޔަ 50 އަހަރު ތެރޭ ފުރަތަމަ ފަހަރުން ޝީލްޑް އުފުލާލި ފުރަތަމަ ޓީމެވެ.
ޕެލަސް އިން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އަތުން 1-0 އިން މޮޅުވެގެންނެވެ. އަދި، އެއީ ޕެލަސް އަށް ބޮޑު މުބާރާތެއްގައި ލިބުނު ފުރަތަމަަ ތަށްޓެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުުޅުނު މެޗު ފަށައިގެން، ހަތަރު ވަނަ މިނިޓްގައި، އޭރިއާ ރޮނގުމަތިން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން، ހޫގޯ އެކިޓީކޭ ޖެހި ގޯލުން ލިވަޕޫލުން ލީޑުނެގި އެވެ. މިއީ، ލިވަޕޫލްގެ ހޫލިއަން ވާޓްޒް ދިން ބޯޅައަކުން، އެކިޓީކޭ ޖެހި ގޯލެކެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މި ފަހަރުގެ ސީޒަނަށް ލިވަޕޫލުން ގަތް ކުޅުންތެރިންނެވެ.
ލިވަޕޫލްގެ ފުރަތަމަ ގޯލު ޖަހައިދިން އެކިޓީކޭ (ކ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހި ފްރިމްޕޮން (މ)އާ އެކު އުފާފާޅުކުރަނީ.
މެޗުގެ 17 ވަނަ މިނިޓްގައި ޕެލަސް އިން އެއްވަރުކުރީ، ޖިއަން ފިލީޕޭ މަޓޭޓާ ޖެހި ޕެނަލްޓީންނެވެ. މިއީ، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އޭރިއާތެރެއިން، ޕެލަސްގެ އިސްމާއިލާ ސާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ލިވަޕޫލުން އަލުން ލީޑުނެގީ، 21 ވަނަ މިނިޓްގައި، ޖެރެމީ ފްރިމްޕޮން ޖެހި ގޯލުންނެވެ. ލިވަޕޫލާ އަލަށް ގުޅުނު ފްރިމްޕޮން ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ޕެލަސްގެ ކީޕަރު، ޑީން ހެންޑަސަން އަތްމަތިން ގޮހެވެ.
ދެ ވަނަ ހާފުގައި ޕެލަސް އިން ކުރިއަށް ޖެހިގެން ލިވަޕޫލަށް ޕްރެޝަރު ބޮޑުކުރި އެވެ. ނަތީޖާ އަކަށްވީ އެ ޓީމުން ލަނޑެއް ޖަހައި، އެއްވަރުކުރެވޭތޯ ކުރި މަސައްކަތް މެޗުގެ 77 ވަނަ މިނިޓްގައި ކާމިޔާބު ކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ލިވަޕޫލްގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ސާ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވެފައި އޮތްއިރު، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެެވެ. ލިވަޕޫލުން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ ވީ ނާކާމިޔާބެވެ. މުހައްމަދު ސަލާހު ޖެހި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އަލެކްސިސް މެކް އަލިސްޓާ ޖެހި ޕެނަލްޓީ ކީޕަރު ހެންޑަސަން މަތަކުރި އެވެ. ޕެލަސް އިން މަޓޭޓާ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ދެ ވަނަ ޕެނަލްޓީ އެބްރެޗީ އެޒޭ ފޮނުވާލިއިރު، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރި އެވެ. ލިވަޕޫލްގެ ތިން ވަނަ ޕެނަލްޓީ ކޯޑީ ގަކްޕޯ ކާމިޔާބުކުރިއިރު، ޕެލަސްގެ ސާ ވަނީ ތިން ވަނަ ޕެނަލްޓީ ވައްދާލައިފަ އެވެ.
ޕެނަލްޓީ ޖަހައިގެން މޮޅުވުމަށް ފަހު ޕެލަސްގެ ކުޅުންތެރިން އެ ޓީމުގެ ކީޕަރު، ހެންޑަސަންއާ އެކު އުފާފާޅުކުރަނީ.،
ލިވަޕޫލްގެ ހަތަރު ވަނަ ޕެނަލްޓީ ހާވީ އެލިއަޓް ފޮނުވާލިއިރު، ކީޕަރު ހެންޑަސަން މަތަކުރި އެވެ. އަދި، ލިވަޕޫލްގެ ފަސް ވަނަ ޕެނަލްޓީ ޑޮމިނިކް ސޮބޯސްލާއި ވައްދާލިއިރު، ޕެލަސްގެ ޒުވާން ކުޅުންތެރިޔާ، ޖަސްޓިން ޑެވަނީ ކާމިޔާބުކޮށް އެ ޓީމު މޮޅުކޮށްދިނީ އެވެ.
އެންމެ ގިނައިން ޝީލްޑް ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ 21 ފަހަރު އުފުލާލި މެންޗެސްޓާ ޔުނައިޓެޑް އަތުގަ އެވެ. ދެ ވަނައިގައި އޮތް އާސެނަލުން 17 ފަހަރު ކާމިޔާބުކުރިއިރު، ލިވަޕޫލުން ވަނީ 16 ފަހަރު ޝީލްޑް އުފުލާލައިފަ އެވެ.
Comment