Advertisement

މޯލްޑިވްސް އެކްސްޕޯއަށް ސެންޓްރަލް ޕާކުގައި ޖެހި ޓެންޓު ނުނަގާ ދެ މަސް!

10 އޮގަސްޓު 2025 - 14:18 4

އޮފިޝަލް އިވެންޓްސްއިން ހުޅުމާލޭގައި ބަހައްޓާފައި ހުރި ޓެންޓު: މި ޓެންޓުގެ ސަތަރިތައް ވެސް ނެގީ މިދިޔަ މަހުގެ ފަހުކޮޅު --- ފޮޓޯ: އަތޫފް އާތިފް/އަދަދު


މޯލްޑިވްސް އެކްސްޕޯއަށް ސެންޓްރަލް ޕާކުގައި ޖެހި ޓެންޓު ނުނަގާ ދެ މަސް!

10 އޮގަސްޓު 2025 - 14:18 4

އިކޮނޮމިކް މިނިސްޓްރީން އިންޒިޒާމުކޮށްގެން މިދިޔަ މެއި މަހުގެ ފަހުކޮޅު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025 އަށް އެ ތަނުގައި ޖެހި ބޮޑު ޓެންޓެއް ނުނަގާ މައްްސަލަ ބޮޑުވެއްޖެ އެވެ.

މި ޓެންޓަކީ އެ އެކްސްޕޯއަށް އެ ސަރަހައްދު ތައްޔާރުކުރަން ފެށީންސުރެން އެ ތަނުގައި ޖަހާފައި ހުރި ޓެންޓެކެވެ. އެ ތަނުގައި ހުރި އެހެން ހުރިހާ ޓެންޓުތަކެއް ނަގައިގެން ދިޔަ ނަމަވެސް، އެކްސްޕޯ ނިމުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވޭތުވެގެން ދިޔަ އިރު ވެސް މި ޓެންޓެއް ނުނަގަ އެވެ.

ޓެންޓު އެ ތަނުން ނުނަަގާ މައްސަލައިގައި ސެންޓްރަލް ޕާކު ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ރަސްމީ ބަހެއް ނުލިބުނެވެ. އެ ކަމަކު ނަން ނުޖަހާ ގޮތަށް އަދަދު ނޫހާ ވާހަކަ ދެއްކި އެޗްޑީސީގެ އޮފިޝަލުންގެ ފުށުން މި މައްސަލައިގައި ގިނަ މައުލޫމާތުތަކެއް ލިބިފައި ވެ އެވެ.

ސެންޓްރަލް ޕާކުގައި ހުރި ޓެންޓަކީ އޮފިޝަލް އިވެންޓްސްގެ ޓެންޓެކެވެ. އޮފިޝަލް އިވެންޓްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހިއްސާވާ ކުންފުންޏެކެވެ. މިފަހުން ލީކުވީ އެމްއެމްއޭގެ އެފްއައިޔޫ ރިޕޯޓުގައި، އޭނާ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުވާ ކުންފުންޏަކީ ވެސް މި އެވެ.

މި ނޫހާ ވާހަކަ ދެއްކި އޮފިޝަލަކު ބުނީ، އެ ޓެންޓު އެތަނުން ނަގަން އެޗްޑީސީން ތަކުރާރުކޮށް އެންގި ނަމަވެސް އޮފިޝަލް އިވެންޓްސްގެ އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް މި ފަހުން މޫސުން ގޯސްވީ ދުވަސްވަރު، ޓެންޓަށް ވަރަށް ބޮޑަށް ވައިއަޅާ އެއަށް ގެއްލުން ލިބިދާނެތީ އޭގައި އަޅާފައި ހުރި ސަތަރިތައް ނެގި ކަމަށް އޭނާ ބުންޏެވެ.

"[އޮފިޝަލް އިވެންޓްސްއިން] ސީދާ އެކްސްޕޯއަށް ގެނައި ޓެންޓެއް. އެ މީހުން ބުނަނީ ބަހައްޓާނެ ތަނެއް ނެތިގެންނޭ ނުނަގަނީ،" އޮފިޝަލް ބުންޏެވެ.

މި މައްސަލައިގައި އެހެން މީހުންގެ ޝަކުވާ ލިބެމުން އަންނައިރު، މި މައްސަލައިގައި ވާހަކަ ދެއްކި އެޗްޑީސީގެ އަނެއް އޮފިޝަލް ބުނީ، މި ވަރުން ދަންޏާ ހުރިހާ ކުންފުންޏަކަށް ވެސް މި ފުރުސަތު ދޭން ޑިމާންޑު ކުރާނެ ކަމަށެވެ. އެކަމަކު އުސޫލެއްގެ ގޮތުން ވިޔަފާރި އުސޫލުން ދޫކުރާ ބިމެއް، ހިިލޭ ބޭނުންކުރަން ދިނުމަކީ ބުއްދި ހަމަޖެހޭ، އަދި ހަމަހަމަކޮށް ކުރެވޭނެ ކަމެއް ނޫން ކަަމަށް އޭނާ ބުންޏެވެ.

ޓެންޓު ނުނަގައިގެން އެޗްޑީސީގެ ކަންބޮޑުވުން ހުއްޓަސް، ސުޖާއުގެ ސިޔާސީ ބާރުވެރިކަމާ ހުރެ އޭނާއަށް ފިޔަވަޅެއް އެޅެން ނެތް ކަމަށް ދެ އޮފިޝަލުން ވެސް ބުންޏެވެ. މި ކަމުގައި ސުޖާއުގެ ބަހެއް ހޯދަން މި ނޫހުން މަސައްކަތް ކުރި ނަމަވެސް، އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ނޫނީ އޮފިޝަލް އިވެންޓްސްގެ ބަހެއް ނުލިބެ އެވެ.