Advertisement

ރާއްޖޭގެ ބޮޑީބޯޑިންގެ މުސްތަގުބަލާ މެދު ކުޑަ އައްޔަގެ އުންމީދު ބޮޑު

11 އޮގަސްޓު 2025 - 08:05 0

އަތޫފް އާތިފް

އަތޫފް އާތިފް

ލަބެރާގެ ޑްރޮޕްނީ ތައްޓާއެކު އައްޔަ އޭނާގެ މަންމައާއެކު އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ރާއްޖޭގެ ބޮޑީބޯޑިންގެ މުސްތަގުބަލާ މެދު ކުޑަ އައްޔަގެ އުންމީދު ބޮޑު

11 އޮގަސްޓު 2025 - 08:05 0

ބޮޑީބޯޑިން މުބާރާތްތަކުގެ ވާދަވެރިކަން ބޮޑުވެފައިވާ ކަމަށާއި، މިހާރު މުބާރާތްތަކުގެ ހީޓުތަކުގައި އެ ފޯރި ފެންނާތީ އެއީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބުނެފި އެވެ.

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ދެ މުބާރާތުގައި ވެސް މެންސް އޯޕަން ކެޓަގަރީގެ ފައިނަލުގައި ކުޑައައްޔަ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އާމިން އުމަރު މޫސާ އެވެ. އެކަމަކު ކުޑަ އައްޔަ ވަނީ ބުރުނު ޝިކާރު އަދި ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ޑްރޮޕް-ނީ ކެޓަގަރީގެ ދެ ފައިނަލުން ވެސް އާމިންގެ މައްޗަށް ކުރިހޯދައިފަ އެވެ.

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ކުޑަ އައްޔަ ބުނީ ޑްރޮޕްނީ މުބާރާތުގައި ވެސް ވާދަވެރިކަން މިހާރު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން މި ފަހަރުގެ ފައިނަލް ހީޓުގައި އާމިން ރަނގަޅު ފައިޓެއް ދިން ކަމަށާއި، އެހެންވެ، މިހާރު ޑްރޮޕްނީ ފައިނަލުގައި ވެސް ހާސްވާ ކަމަށެވެ.

"ކޮމްޕެޓިޝަން އެބައާދޭ މިހާރު. މިހާރު ކުޑަކޮށް ހާސްވާންވެސް ފަށައިފި. އޭގެން މި އެނގެނީ އަސްލު ހަމަ ކޮމްޕެޓިޓިވް އެބައާދޭކަން ޑްރޮޕްނީ ކެޓަގަރީގައި" ކުޑަ އައްޔަ ފާހަގަކުރި އެވެ.

ކުޑަ އައްޔަ ބުނީ އޯޕަން ކެޓަގަރީގައި ރާއްޖޭގެ އެއްވަނަ އަކީ މިހާރު އާމިން ކަމަށެވެ. އަދި އާމިން ކަހަލަ ކުއްޖަކު، ކުޅިވަރުގެ ޑިސިޕްލިން ބަހައްޓައިގެން ހުރިހާ މުބާރާތަކުން އެއްވަނަ ހޯދާތީ އެއީ ލިބޭ އުފަލެއް ކަމަށް އައްޔަ ފާހަގަކުރި އެވެ.

އައްޔަ ބުނީ މިފަހަރުގެ އޯޕަން ކެޓަގަރީގައި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އެކަމަކު ފައިނަލަށް ދެވުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށް އައްޔަ ބުންޏެވެ.

ގައުމީ ލީގުގެ ދެ ފައިނަލުން ބަލިވުމުން ދެން ޓާގެޓް ހުރީ ފަހު މުބާރާތް "ބަނޑުފިލާ" ޗެލެންޖް ކާމިޔާބުކުރަން ކަމަށް އައްޔަ ވާނީ ބުނެފަ އެވެ.