Advertisement

ކުޑަ އައްޔަ ބަލިކޮށް ލަބެރާ ވެސް ކާމިޔާބުކުރީ އާމިން

8 އޮގަސްޓު 2025 - 18:49 0

އަތޫފް އާތިފް

އަތޫފް އާތިފް

ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ޗެމްޕިއަން އާމިން (ވ) - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ކުޑަ އައްޔަ ބަލިކޮށް ލަބެރާ ވެސް ކާމިޔާބުކުރީ އާމިން

8 އޮގަސްޓު 2025 - 18:49 0

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް ކަމަށްވާ ލަބެރަ ބޮޑީބޯޑިން ޗެލެންޖްގެ އޯޕަން ކެޓަގަރީގެ ފައިނަލުގައި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ގެ މައްޗަށް ކުރިހޯދައި، އާމިން އުމަރު މޫސާ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ގައުމީ ބޮޑީބޯޑިން ލީގުގެ ފައިނަލެއްގައި އާމިން ކުޑަ އައްޔަ ބަލިކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، މި އަހަރުގެ ކުރިއަށްދިޔަ ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރު ފައިނަލުގައި ވެސް އާމިން ވަނީ ކުޑަ އައްޔަގެ މައްޗަށް ކުރިހޯދައިފަ އެވެ.

މިއަދު ކުރިއަށްދިޔަ ފައިނަލް ހީޓު އާމިން ކާމިޔާބުކުރީ 13.17 ގެ ސްކޯއަކާ އެކުގަ އެވެ. މި ހީޓުގައި ކުޑަ އައްޔަ އަށް ލިބުނީ 8.60 ގެ ސްކޯ އެކެވެ.

މި ހީޓުގައި އާމިން އެންމެ މަތިން ސްކޯކުރި ރާޅުން އޭނާ ވަނީ 7.17 ސްކޯކޮށްފަ އެވެ. އަދި ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުން 6.00 ސްކޯކުރި އެވެ.

ލަބެރާ ބޮޑީބޯޑިން މުބާރާތުގެ ތިން ކެޓަގަރީގެ ޗެމްޕިއަނުން ފޮޓޯ އަކަށް ހުއްޓިލައިގެން--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ކުޑަ އައްޔަ، އެންމެ މަތިން ސްކޯކުރި ރާޅުން ލިބުނީ 4.50 ގެ ސްކޯ އެކެވެ. ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުން 4.10 ސްކޯކުރި އެވެ.

މީގެ އިތުރުން، މިއަދު ކުރިއަށްދިޔަ ޖޫނިއާ ކެޓަގަރީގެ ފައިނަލުގައި އިޔަން އަހުމަދު ބަލިކޮށް މުހައްމަދު އަޒާން އަހުމަދު ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިއީ އަޒާން ލަބެރަ ބޮޑީބޯޑިން ޗެލެންޖް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް އިޔަންއާ ވާދަކޮށް މި މުބާރާތް ކާމިޔާބުކުރީ އަޒާން އެވެ.

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރުގެ ޖޫނިއާ ފައިނަލުގައި އަޒާން ވަނީ އިޔަން އަތުން ބަލިވެފަ އެވެ. މިއަދު ކުރިއަށްދިޔަ، ލަބެރާގެ ފައިނަލް ހީޓު އަޒާން ކާމިޔާބުކުރީ 13.17 ގެ ސްކޯއަކުންނެވެ. މި ހީޓުގައި އިޔަން އަށް ލިބުނީ 6.33 ގެ ސްކޯއެކެވެ.

އަޒާން އެންމެ މަތިން ސްކޯކުރި ރާޅުން އޭނާ ވަނީ 8.17 ސްކޯކޮށްފަ އެވެ. އެއާއެކު، އަޒާން އަކީ މި ފަހަރުގެ މުބާރާތުގައި އެއް ރާޅުން އެންމެ މަތިން ސްކޯކުރި އެތުލީޓެވެ. އަޒާން، ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުން ލިބުނީ 5.00 ގެ ސްކޯއެކެވެ.

މި ހީޓުގައި އިޔަން އެންމެ މަތިން ސްކޯކުރި ރާޅުން ލިބުނީ 4.00 ގެ ސްކޯއެކެވެ. އިޔަން، ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުން ލިބުނީ 2.33 ގެ ސްކޯއެކެވެ.

ގައުމީ ބޮޑީބޯޑިން ލީގުގައި ބާކީ އޮތީ އެންމެ މުބާރާތެކެވެ. އެއީ ގައުމީ މުބާރާތް ކަމަށްވާ ބަނޑުފިލާ ޗެލެންޖް އެވެ.