10 އޮގަސްޓު 2025 - 09:18 0
އަތޫފް އާތިފް
ލަބެރާ ޖޫނިއާ ފައިނަލްގެ ހީޓު ނިންމުމަށްފަހު އަޒާން އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
10 އޮގަސްޓު 2025 - 09:18 0
ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް، ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ޖޫނިއާ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި މުހައްމަދު އަޒާން އަހުމަދުގެ ވިސްނުން ހުރީ ރަނގަޅުކުރަން ހުރި ކަންކަމަށް މަސައްކަތްކޮށް، ކުރިއަށް އޮތް ބަނޑުފިލާ ޗެލެންޖްގައި ވެސް ކާމިޔާބު ހޯދުމަށް ކަމަށް ބުނެފި އެވެ.
ބޮޑީބޯޑިން ޖޫނިއާ ލީގުގެ ދެ ވަނައިގައި މި ފަހަރުގެ މުބާރާތް ފެށިއިރު، އޮތް އަޒާން، ލަބެރާ ބޮޑީބޯޑިންގެ ޖޫނިއާ ޗެމްޕިއަންކަން ހޯދުމުން ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. ލީގުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރުގެ ފައިނަލް ހީޓުގައި އަޒާންގެ މައްޗަށް ކުރިހޯދީ އިޔަން އަހުމަދު އެވެ.
އެކަމަކު، އަޒާން ވަނީ ލަބެރާ ބޮޑީބޯޑިން ޗެލެންޖެގެ ފައިނަލުގައި އިޔަންގެ މައްޗަށް ކުރިހޯދައިފަ އެވެ. ފައިނަލް ހީޓު އަޒާން ކާމިޔާބުކުރީ 13.17 ގެ ސްކޯއަކުންނެވެ.
"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން އަޒާން ބުނީ، ފައިނަލުގައި ރަނގަޅު ވާދައެެއް ކުރެވުނު ކަމަށާއި، އަދި އިޔަންގެ ފަރާތުން ރަނގަޅު ފައިޓެއް ލިބުނު ކަމަށެވެ.
އަޒާން ބުނީ ޖޫނިއާ ފައިނަލް ކާމިޔާބުކުރެވުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެކަމަކު، އުންމީދު ކުރި ވަރަށް ރަނގަޅަށް މި މުބާރާތުގައި ޕާފޯމް ނުކުރެވުނު ކަމަށް އަޒާން ވަނީ ފާހަގަކޮށްފަ އެވެ.
"ވަރަށް އުފާވެފައި މިހުރީ ޖޫނިއާ ޗެމްޕިއަންކަން ލިބުނީމާ. އަދި ހީކުރިވަރަށްވުރެ ރަނގަޅެއް ނޫން. އަދި މިއަށްވުރެ ރަނގަޅު އެޅޭނެ ކަމަށް އުންމީދު މިކުރަނީ." އަޒާން ބުންޏެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި އަޒާން އެޅި، ފުރަތަމަ ރާޅުން އޭނާ ވަނީ 8.17 ސްކޯކޮށްފަ އެވެ. މިއީ، މި ފަހަރުގެ ލަބެރާ ބޮޑީބޯޑިން ޗެލެންޖުގައި އެއް ރާޅުން އެންމެ ގިނަ ސްކޯ ލިބުނު ރާޅުވެސް މެ އެވެ. އަޒާން ބުނީ، މިއީ އޭނާގެ "ޕާސަނަލް ބެސްޓް" ކަމަށެވެ.
މި ކާމިޔާބީއާ އެކު، އަޒާނަށް، ދެން އޮތީ ބަނޑުފިލާ ޗެލެންޖް އަށް ތައްޔާރުވުމެވެ. އަޒާން ބުނީ ޓާގެޓަކީ ގައުމީ ލީގުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދުން ކަމަށެވެ.
Comment