Advertisement

މުޅި މާލެ އާއި ހުޅުމާލޭން ކަރަންޑު ކެނޑުނުތާ ދެ ގަޑިއިރު ފަހުން ކަރަންޓު ލިބިއްޖެ

9 އޮގަސްޓު 2025 - 13:10 1

މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯގެ މައި އޮފީސް: ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، އިތުރު ތަފުސީލެއް ނުދޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މުޅި މާލެ އާއި ހުޅުމާލޭން ކަރަންޑު ކެނޑުނުތާ ދެ ގަޑިއިރު ފަހުން ކަރަންޓު ލިބިއްޖެ

9 އޮގަސްޓު 2025 - 13:10 1

މާލެ އާއި ހުޅުމާލޭން ކަރަންޓު ކެނޑުނުތާ ދެ ގަޑިއިރު ފަހުން ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެއް ގްރިޑެއްގައި އޮންނަ މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ދިޔައީ މިއަދު ހެނދުނު 9:30 ހާއިރެވެ. ކަރަންޓު "ޓެކްނިކަލް މައްސަލައެއް" ދިމާވެގެން ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ދިމާވީ މަައްސަލައިގެ އިތުރު ތަފުސީލެއް ނުދެ އެވެ.

އޭރުން ފެށިގެން ސްޓެލްކޯއިން ވަނީ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުންދެމުން ގޮސް މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފަ އެވެ. ސްޓެލްކޯއިން ބުނީ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީ ނިމުނީ 12:13 ހާއިރު ކަމަށެވެ.

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައި މިވަނީ، ހަ ގަޑިއިރަށް ކަރަންޓު ކެނޑި ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަން ޖެހުނު ހާދިސާއަށް ދެ މަސް ދުވަސް ފަހުންނެވެ. އެ ފަހަރު ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ. މި މައްސަލައަކީ ރައީސް މުހައްމަދު މުއިއްޒު ތަހުގީގު ކުރަން އަންގަވައިގެން ފުލުހުން ވެސް ތަހުގީގުކުރަމުން އަންނަ މައްސަލައެކެވެ.

މި ހާދިސާ ހިނގައިދިޔަ ފަހުން މާލެ އާއި ހުޅުމާލޭން ކަރަންޓު ކެނޑުން ނުވަތަ ކަނޑާލަން ޖެހުން ވަނީ އާންމުވެފަ އެވެ.

ސްޓެލްކޯގެ ސޯޝަލް މީޑިއާ ޕޯސްޓުތަކާއި މީޑިއާ ގްރޫޕުގައި ހުރި މައުލޫމާތުގެ މައްޗަށް އަދަދު އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އެ ދުވަހުގެ ފަހުން މާލެ އާއި ހުޅުމާލޭން ކަރަންޓު ކެނޑުނު ފަހަރާއި ކަރަންޓޫ ކަނޑާލަން ޖެހުނު ފަހަރުތަކުގެ އަދަދު 40 އާ ގާތްކުރެ އެވެ.

ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލަތައް ދިމާވެގެންނެވެ. އަދި ކަރަންޓު ކަނޑާލަން ޖެހުނީ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތަށެވެ.

ސްޓެލްކޯއިިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ދިނުމުގައި ދަތިތައް ދިމާވަމުން އަންނަ ސަބަބެއް ނޭނގެ އެވެ. އެކަމަކު ފަހަކަށް އައިސް ލޯޑު ބޮޑުވުމުން، އެ ލޯޑު ހިފަހައްޓަން ސްޓެލްކޯއަށް ދަތިތަކެއް ދިމާވާނެ ކަމަށް ބެލެވެ އެވެ. އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ދުރާލައި ސަރުކާރުން އަޅާފައެއް ނުވެ އެވެ.

މާލޭގެ ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިކަން ހައްލުކުރަން ސަރުކާރުން ހާއްސަ މަަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނި ނަމަވެސް މި މައްސަލަ ދިމާވާ ގިނަ ރަށްރަށުގައި އަދިވެސް މައްސަލަ ހައްލެއް ނުވެ އެވެ.