Advertisement

މުޅި ތެލެސީމިއާ ސެންޓަރަށް ކަރަންޓު ދެވޭވަރަށް ބެކަޕެއް ނެތް

9 އޮގަސްޓު 2025 - 12:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޮރެންޖް ހިޔާގައި އަލަށް ގާއިމުކުރި ތެލެސީމިއާ ސެންޓަރު: މުޅި ސެންޓަރަށް ކަރަންޓު ދެވޭވަރަށް ބެކަޕް ނެތްކަން ވަނީ އެނގިފައި -- ފޮޓޯ: ރައީސް އޮފީސް


މުޅި ތެލެސީމިއާ ސެންޓަރަށް ކަރަންޓު ދެވޭވަރަށް ބެކަޕެއް ނެތް

9 އޮގަސްޓު 2025 - 12:53 0

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތެލަސީމިއާ ސެންޓަރަށް ކަރަންޓު ފޯރުކޮށްދެވޭ ވަރުގެ ބެކަޕް ސިސްޓަމެއް އެ ސެންޓަރުގައި ނެތްކަން އެނގިއްޖެ އެވެ.

ތެލެސީމިއާ ސެންޓަރުން ހިދުމަތް ހޯދި މީހަކު އަދަދު އާ ވާހަކަ ދައްކަމުން ބުނީ މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ވަގުތު ތެލެސީމިއާ ސެންޓަރުގެ ބެކަޕް ޖެއްސި ކަމަށެވެ. އެކަމަކު އެ ބެކަޕުން މުޅި ސެންޓަރަށް ކަރަންޓު ނުދެވޭ ކަމަށް އޭނާ ބުންޏެވެ.

"ކަރަންޓު ދިޔުމާއެކު ބެކަޕް ޖައްސައިގެން ވެސް މުޅި ތަނަކަށް ކަރަންޓެއް ނުލިބޭ. ކަރަންޓު ލިބެން ހުރީ ބައެއް ތަންތަނަށް،" އޭނާ ބުންޏެވެ.

އޭނާ ބުނީ ބެކަޕް ޖެއްސުމާއެކު ކަރަންޓުގެ ހިދުމަތް ލެބުގެ ބައެއް ތަންތަނަށް ލިބުނު ކަމަށާއި އެކަމަކު ވޯޑުގައި ކަރަންޓުގެ ހިދުމަތް ނެތް ކަމަށެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ބުނީ ކަރަންޓު ކެނޑުމާއެކު ތެލެސީމިއާ ސެންޓަރުގެ ބެކަޕް ޖެނެރޭޓަރު ޖައްސައި، ރައްކާކޮށްފައި ހުންނަ ލޭގެ ކޮލިޓީއަށް އަސަރު ނުކުރާނެ ގޮތަށް އިންތިޒާމުތައް ރާވާފައި ހުންނާނެ ކަމަށެވެ.

"މި ސާވިސަސްގައި ބެކަޕް ކަރަންޓް ވަގުތުން އޮންވާނެ ކަމާއި، ބެހެއްޓިފައި ހުންނަ ލޭގެ ރައްކާތެރިކަމާއި ކޮލިޓީއަށް އަސަރެއް ނުކުރާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފައި ހުންނާނެކަމުގެ ޔަގީންކަން އަރުވަން،" އެމްބީއެސްއިން ބުންޏެވެ.

މީގެއިތުރުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ވިދާޅުވީ ތެލެސީމިއާ ސެންޓަރުން ކަރަންޓު ކެނޑުނު ވަގުތު ލޭއެޅުން މެދުކެނޑިފައި ނުވާނެ ކަމަށެވެ. އެކަމަކު ކަރަންޓު ކެނޑުނު ވަގުތު ކްރޮސް މެޗު ހެދުން ފަސް ވަރަކަށް މިނެޓަށް މެދުކެނޑުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ހުޅުމާލެ އޮރެންޖް ހިޔާއަށް ބަދަލުކޮށް ހިދުމަތް ދޭން ފެށީ މިދިޔަ މެއި 8، ގަ އެވެ. އެތަނުގެ މަސައްކަތް ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔައީ ދިވެހި ސިފައިންނެވެ.

ތެލެސީމިއާ ސެންޓަރު ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ބަދަލުކުރީ މާލޭގައި ހުންނަ ސެންޓަރުގެ ފެންވަރު ދަށްވުމުންނާއި ޖާގައިގެ ދަތިކަމާއި ގުޅިގެން ލޭ އަޅާ ކުދިންނާއި ބެލެނިވެރިން ކުރި މުޒާހަރާއަކަށްފަހު އެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތެލަސީމިއާ ސެންޓަރުގެ ހާލަތު ގޯސްވިއިރު އެ ހާލަތު ނޭނގޭ ކަމަށް މުއިއްޒު ކުރިން ވިދާޅުވި އެވެ. އެގޮތުން ހާލަތު އެނގުނީ އެ ސެންޓަރަށް ޒިޔާރަތް ކުރުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.