Advertisement

އެސްޓީއޯގެ ފާމަސީތައް ރޯދައިގެ ކުރިން ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ

ހުޅުމާލޭގައި ހުންނަ އެސްޓީއޯ ފާމަސީއެއް: އެސްޓީއޯގެ ފާމަސީތައް ރޯދައިގެ ކުރިން ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަން މިހާރު ވަނީ ނިންމާފަ ---- ފޮޓޯ: އަދަދު


އެސްޓީއޯގެ ފާމަސީތައް ރޯދައިގެ ކުރިން ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ

ވޭތުވެދިޔަ 40 އަކަށް އަހަރު ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބޭސް ފިހާރަ ހިންގަމުންދިޔަ އެސްޓީއޯގެ ހުރިހާ ފާމަސީއެއް، ރާއްޖެއަށް ބޭސް އެތެރެ ކުރުމަށް ސަރުކާރުން އުފެއްދި ހާއްސަ ކުންފުނީގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެ ކުރަން ހާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރީ ޑރ. ޝާހު މާހިރު އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ބޭސް ފިހާރަތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށާނެ އެވެ. އެކަން އެސްޓީއޯގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި މަސައްކަތް ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ނިންމަން ދެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މާލެ ސަރަހައްދާއި ރަށްރަށުގައި ހިންގަމުންދާ ފާމަސީތައް އެކީ ބަދަލުކޮށް ނިންމާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފެބްރުއަރީ 15، އެވެ. ރޯދަ މަސް ފެށޭނީ އޭގެ ދެ ދުވަސް ފަހުންނެވެ.

އެސްޓީއޯގެ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމާއެކު އެ ފިހާރަތަކުގެ އޮޕަރޭޝަނުގައި އުޅުނު ހުރިހާ މުވައްޒަފުންނެއް ބޭސް ކުންފުންޏަށް ބަދަލުވާނެ އެވެ. އެއީ ސީދާ ކިތައް މުވައްޒަފުންކަން ޔަގީނެއް ނޫނެވެ. ނަމަވެސް އެ އަދަދު 500 އިން މަތިވާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވި އެވެ.

ބޭސް ފިހާރަތައް ހިންގުމުގެ އިތުރުން، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ހުރިހާ ބޭހެއް އެތެރެކުރުމުގެ މަސައްކަތް ވެސް އަލަށް އުފެއްދި ކުންފުނީގެ ދަށަށް ބަދަލުކުރެވިގެންދާނެ އެވެ. ބޭސް ކުންފުނި ހިންގުމަށް މި އަހަރުގެ ބަޖެޓުގައި 107 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ބޭސް އެތެރެކޮށް ބޭސް ފިހާރަތައް ހިންގަން ސަރުކާރުން ވަކި ކުންފުންޏެއް އުފައްދާފައި މިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށެވެ. އެ މައްސަލަތަކެއް މިހާތަނަށް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެ އެވެ.

ބޭސް ނުލިބުމުގެ ޝަކުވާ ކިތަންމެ ބޮޑަސް، އެ މައްސަލަ ހައްލުވަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ މިދިޔަ ހަފުތާ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

ނާޒިމް ވިދާޅުވީ ބޭސް ލިބުމުގެ ދަތި ހައްލުކުރުމަށް އެޅި ގިނަ ފިޔަވަޅުތަކުން ލުއިތަކެއް ލިބެމުންދާ ކަމަށެވެ.

ނަމަވެސް ބޭހުގެ މައްސަލައަށް ހިތްހަމަޖެހުމެއް ލިބޭނީ ހުރިހާ މައްސަލައެއް 100 ޕަސަންޓު ހައްލުވީމަ ކަމަށާއި އެ އަމާޒަށް ވާސިލުވާން މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަމުން މިދަނީ ބޭސް ލިބުމުގެ މި މައްސަލަަތައް ހައްލުކުރުމަށްޓަކައި ވަރަށް ގިނަ ފިޔަވަޅުތައް އެޅި، އަޅުގަނޑުމެން ވަރަށް ކަށަވަރުކަމާއެކީ ދަންނަވާލަން ކެރޭ މިއަށް ވަރަށް ބޮޑު ލުއިތަކެއް ލިބި ހައްލުތަކެއް ލިބެމުންދާ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް އެންމެ ހިތްހަމަޖެހުން ލިބޭނީ ހަމަ ހުރިހާ މައްސަލަތަކެއް 100 ޕަސަންޓަށް ހައްލުވީމަ. އެހެންނޫންތޯ. އެ ދިމާއަށް ދިޔުމަށްޓަކައި މި މަސައްކަތް ކުރަން ޖެހޭނީ."

ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ސަޕްލައިގެ އިތުރުން އާސަންދަ ނިޒާމާއި އެޑްމިނިސްޓްރޭޓިވް ޕްރޮސެސްގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ކުރާމުންދާ ކަމަށެވެ.