Advertisement

އާ މިންގަނޑާ އެއްގޮތަށް ދުންފަތުގެ ބާވަތްތަކުގެ އިންޒާރު ޖަހަން އިތުރު ހަ މަސް ދީފި

about 22 hours 0

ނިކޮޓިން ހުންނަ އުފެއްދުންތަކުގައި ހަރުކުރަން ޖެހޭ އިންޒާރު: ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ކުރީގެ ސްޓޮކް ވިއްކުން ވެސް މަނާ --- ގްރެފިކްސް: އަދަދު


އާ މިންގަނޑާ އެއްގޮތަށް ދުންފަތުގެ ބާވަތްތަކުގެ އިންޒާރު ޖަހަން އިތުރު ހަ މަސް ދީފި

about 22 hours 0

ދުންފަތުގެ ބާވަތްތަކުގައި ހުންނަން ހެލްތު މިނިސްޓްރީން ލާޒިމުކުރާ ސިއްހަތުގެ އިންޒާރުގެ ނޯޓިސްގެ އާ މިންގަނޑާ އެއްގޮތަށް ބަދަލުތައް ގެންނަން ދީފައިވާ ސުންގަޑި މި އަހަރުގެ ޖުލައި މަހާ ހަމައަށް ދައްމާލައިފި އެވެ.

ހެލްތު މިނިސްޓްރީން ކުރިން ދިން ސުންގަޑި ހަމަ ވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އޭރު އޮތް ގޮތުން މި ތާރީހުގެ ފަހުން އާ މިންގަނޑާ އެއްގޮތަށް އިންޒާރު ނުޖަހާ ހުރި އެއްވެސް ބާވަތެއް، އެތެރެކޮށްފައި ހުއްޓަސް، ވިއްކުން މަނާ ވާނެ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ މަހު ގަވާއިދަށް ބަދަލު ގެނެސް، މުއްދަތު އިތުރުކޮށްފަ އެވެ. މުއްދަތު އިތުރުކުރަން ނިންމި ސަބަބެއް މިނިސްޓްރީން ނުބުނެ އެވެ.

ދުންފަތުގެ ބާވަތްތަކުގެ ތެރެއިން އާންމުކޮށް މިހާރު ވެސް ވިއްކަން ހުންނަ ސިނގިރޭޓު ފޮއްޓާއި ދުންފަތް ޕެކެޓުތަކުގައި މި އިންޒާރުތަައް ޖަހާފައި ހުރެ އެވެ. ނަމަވެސް ހީޓަޑް ޓޮބޭކޯގެ ބައެއް ޕްރޮޑަކްޓުތަކާއި ސްމޯކްލެސް ބައެއް ވައްތަރުތަކުގައި އިންޒާރު ހުއްޓަސް، ރާއްޖޭގައި ބޭނުންކުރާ މިންގަނޑަށް ނުހުރެ އެވެ.

ހެލްތު މިނިސްޓްރީން ވަނީ އަލަށް ދީފައިވާ ތާރީހުގެ ކުރިން މިހާރު އެތެރެކޮށްފައި ހުރި ސްޓޮކް ވިއްކައި ހުސްކުރަން ވިޔަފާރިތަކަށް އިލްތިމާސްކޮށްފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މުއިއްޒު ސަރުކާރުން ގެނައި ބަދަލުތަކާ އެކީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށް، ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވާން ބާރުއަޅަން ވަނީ ހަރުކަށި ބަދަލުތަކެއް ގެނެސްފަ އެވެ.

މިހެން ނަމަވެސް ރަނގަޅަށް ތަންފީޒުކުރެވޭނެ ގޮތެއް ނެތި މިކަން ކުރުމުން ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދި, އެ ގާނޫނުގެ މަގުސަދާ އިދިކީލި ނަތީޖާތަކެއް ދަނީ ފެންނަމުންނެވެ. މިހާރު ދުންފަތަކީ ރާއްޖެއަށް ވަގަށް އެތެރެކުރަން މަސައްކަތްކުރާ ލިސްޓުގެ އެންމެ ކުރީގައި އޮތް އެއް ބާވަތެވެ.