8 އޮގަސްޓު 2025 - 18:55 0
ލީވާން އަލީ ނާސިރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށްގެންދިޔަ ޑްރޯން ޝޯގެ ތެރެއިން -- ފޮޓޯ: އަދަދު
8 އޮގަސްޓު 2025 - 18:55 0
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ޖުލައި 26، ގައި ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތައް ވެއްޓުނުއިރު އުރީދޫގެ ނެޓްވޯކަށް އެއްވެސް ބުރުލެއް ނާރާ ކަމށް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސައިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
އަދަދު އިން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ނިޔާޒް ވިދާޅުވީ ޑްރޯން ޝޯ ކުރިޔަށް ދިޔަ ރޭ އުރީދޫގެ ނެޓްވޯކަށް އެއްވެސް އަސަރެއްކޮށް، ހިދުމަތްތަކަށް ވެސް ބުރުލެއް އަރާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓަވަރަކަށް އެއްވެސް ކަހަލަ އަސަރެއް ނުކުރޭ އެ ދުވަހުގެ އިވެންޓަކުންނެއް. ޓަވަރުތަކަކަށް،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ މޯބައިލް ފްރިކުއެންސީ އާއި ޑްރޯންގައި ބޭނުންކުރާ ފްރިކުއެންސީ ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ޑްރޯންގައި ވައިފައި ފްރިކުއެންސީ ބޭނުންކޮށްފިނަމަ، މޯބައިލް ފްރިކިއެންސީއާ ތަފާތުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މޯބައިލް ފްރިކުއެންސީ އާއި ޑްރޯންގައި ބޭނުންކުރާ ފްރިކުއެންސީއާ އެ ތަފާތު ވެދާނެ. ޑްރޯންގައި ބޭނުންކޮށްފާނެ ވައިފައި ފްރިކުއެންސީ. ވައިފައި ފްރިކުއެންސީ ތަފާތު ފްރިކުއެންސީއެއް. އަޅުގަނޑުމެން މޯބައިލްގައި ހުންނާނީ ތަފާތު ފްރިކުއެންސީއެއް،" ނިޔާޒް ވިދާޅުވި އެވެ.
މީގެއިތުރުން ނިޔާޒް ވިދާޅުވީ ޖޭމްކުރާ ސިސްޓަމްތައް ހުންނަ ގޮތުން އެކި ފްރިކުއެންސީތައް ވަކިވަކިން ކުރެވޭނެ ކަމަށާއި އެގޮތުން އެރޭ އުރީދޫގެ މޯބައިލް ނެޓްވޯކަށް އެއްވެސް އަސަރެއް ނުކުރާކަން ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
ނިޔާޒް ވިދާޅުވީ އެ ރޭ އޭނާ ވެސް ޑްރޯން ޝޯ އޮތް އިވެންޓްގައި ސްޓޭޖް ކައިރީގައި ހުންނެވި ކަމަށެވެ. އެގޮތުން ފޯނުން ބަރާބަރަށް އިންޓަނެޓް މެދުވެރިކޮށް އިންސްޓަގްރާމަށް ސްޓޯރީތައް ވެސް އަޕްލޯޑް ކުރަމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި 1200 އެއްހައި ޑްރޯން ބޭނުންކުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެ ޑްރޯންތައް ބޭނުން ކޮށްގެން 10 މަންޒަރެއް ދެއްކި އެވެ.
އެމްއޭސީއެލް އިން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޑްރޯން ޝޯގެ އެންމެފަހު ފޯމޭޝަންގެ ކުރިން ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ގިނަ ގިނަ އަދަދެއްގެ ޑްރޯންތަކުގެ ސިގްނަލް ގެއްލުނު ކަމަށެވެ.
"ދިމާވި ކުއްލި މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރޯންގެ ސިގްނަލް ގެއްލި ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބައެއް ޑްރޯން ބިންމައްޗަށާއި މޫދަށް ވެއްޓި، ބައެއް ޑްރޯން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. މި ހާދިސާގައި މި ޑްރޯން ޝޯ އޮޕަރޭޓު ކުރި ފަރާތަށާއި މި ކުންފުންޏަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ،" އެމްއޭސީއެލްގެ ސިޓީގައި ބުންޏެވެ.
ޑްރޯންތަކަށް އެރޭ ދިމާވި މައްސަލައަކީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރިކުއެންސީއަށް އިންޓަފިއާ ކުރުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑްރޯން ޝޯ ކުރިއަށް ގެންދިޔަ ކުންފުނިން އެމްއޭސީއެލްއަށް މައުލޫމާތު ދީފައިވާ ކަމަށް އެ ސިޓީގައި ބުންޏެވެ.
އަދި ޑްރޯންތަކަށް މައްސަލަ ދިމާވި ވަގުތުގައި އެއާޕޯޓުގައި މަސައްކަތް ކުރަމުންދިޔަ ޓެކްނިކަލް މީހުންނަށް ވެސް ސިގްނަލް ގެއްލުމާއި ނެޓްވޯކް މެދުކެނޑުން ފަދަ މައްސަލަތައް ކުރިމަތިވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއޭސީއެލްގެ ސިޓީގައި ބުންޏެވެ.
Comment