8 އޮގަސްޓު 2025 - 17:12 0
ލީވާން އަލީ ނާސިރު
އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒް: ސަރުކާރުގެ ސަބްމެރިން ކޭބަލް ގަތުމަށް ޝައުގުވެރިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އުރީދޫ
8 އޮގަސްޓު 2025 - 17:12 0
ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ މޯލްޑިވްސް އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) ސަބްމެރިން ކޭބަލް ގަތުމަށް ސަރުކާރާއެކު މަޝްވަރާ ކުރެވުނު ކަމަށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ނިޔާޒް ވިދާޅުވީ ސަރުކާރުގެ ސަބްމެރިން ކޭބަލް ގަތުމަށް އުރީދޫއިން ޝައުގުވެރިވެގެން އެކަމާ ގުޅިގެން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެއީ ރާއްޖެއާ ގުޅާލާފައި އޮތް ކޭބަލެއް ގަތުމުން ލިބޭނެ ފަސޭހައަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ މަޝްވަރާ ކުރެވުނު. ދެން އަޅުގަނޑުމެންނަށް ވެސް އަޅާފައި އޮތް ކޭބަލެއްވެއްޖެއްޔާ ފަސޭހަ ދެއްތޯ އެއީ. އަޅުގަނޑުމެންނަށް އިތުރަށް ލިބޭ ރިޑަންޑަންސީއެއް އެއީ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުރީދޫގައި މިވަގުތު ވެސް ރާއްޖެއާ ގުޅާލާފައި އޮތް ހަތަރު ސަބްމެރިން ކޭބަލް އޮތުމުން ސަރުކާރުގެ ކޭބަލް މުހިންމެއް ނޫން ކަމަށާއި އެކަމަކު އެ ކޭބަލް ވެސް އިތުރު ބެކަޕް ކޭބަލެއް ގޮތަށް ކުންފުންޏަށް ބޭނުން ކުރެވިދާނެ ކަމަށެވެ.
"ދެން މި ކޭބަލް އައިސްފައި މިއިނީ މި ރީޖަންގައި. އަޅުގަނޑުމެން އެންމެ ފަަހުން އެޅި ކޭބަލްއަކީ ޑައިރެކްޓް ސިންގަޕުރުން ޔޫރަޕަށް އަޅާފައި އިން ކޭބަލްއެއް. އެހެންވީމަ އަޅުގަނޑުމެންނަށް މި ކޭބަލްއެއް މުހިންމެއް ނޫން. އެކަމަކު ބެކަޕަކަށް ބޭނުން ކުރެވިދާނެ،" ނިޔާޒް ވިދާޅުވި އެވެ.
އޯސީއެމް-އައިއޭއެކްސް ކޭބަލްގެ ނަމުން ނަން ދެވިފައިވާ ސަރުކާރުގެ އެ ކޭބަލް ރާއްޖެއާ ގުޅާލުމުގެ މަސައްކަތް ކުރީ (އޯސީއެމް) އާއި އިންޑިއާގެ ޓެލެކޮމް ކުންފުނި ޖިއޯ ޓެލެކޮމް ގުޅިގެންނެވެ.
އިންޑިއާގެ ޖިއޯ ޓެލެކޮމް ކުންފުނިން ފްރާންސުގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ އެންމެ ޒަމާނީ ގިންތީގެ ސަބްމެރީން ކޭބަލް ވިއުގަ ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ސައިޓާ ގުޅާލީ އޯގަސްޓް، 2023 ގަ އެވެ.
ކުރީ ސަރުކާރުގެ ޑިޖިޓަލް ރާއްޖޭގެ ސިޔާސަތުގެ ދަށުން ދައުލަތުން އިންވެސްޓުކޮށްގެން އެޅި އެ ކޭބަލްއަކީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމާއި ސްޕީޑު ހަލުވި ކުރުމާ އެކު، ޑޭޓާ އެކްސްޕޯޓު ފަދަ ވިޔަފާރިތަކަށް ހުޅުވާލުމުގެ މަގުސަދުގައި އެޅި ކޭބަލްއެކެވެ.
ސަރުކާރުގެ ސަބްމެރިން ކޭބަލް އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏަށް ވިއްކާލަން އުޅޭ ކަމަށް މިދިޔަ އަހަރު އަޑުފެތުރުމުން އެކަން ދޮގުކޮށްފައިވެ އެވެ.
Comment