Advertisement

ލަބެރާ ބޮޑީބޯޑިން ޗެލެންޖް: މުބާރާތުގެ އެންމެ މަތި ސްކޯއާ އެކު އާމިން ކުއާޓާ އަށް

6 އޮގަސްޓު 2025 - 22:47 0

އަތޫފް އާތިފް

އަތޫފް އާތިފް

އާމިން ވަނީ މިއަދު ކުރިއަށްދިޔަ ހީޓުގެ އެއް ވަނަ ހޯދާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައި - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ލަބެރާ ބޮޑީބޯޑިން ޗެލެންޖް: މުބާރާތުގެ އެންމެ މަތި ސްކޯއާ އެކު އާމިން ކުއާޓާ އަށް

6 އޮގަސްޓު 2025 - 22:47 0

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް، ލަބެރާ ބޮޑީބޯޑިން ޗެލެންޖް 2025 ގެ މިހާތަނަށް ހީޓަކުން ހޯދި އެންމެ މަތި ސްކޯއާ އެކު، އާމިން އުމަރު މޫސާ، މެންސް އޯޕަން ބައިގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މުބާރާތުގެ މެންސް އޯޕަންގެ ހަތަރު ވަނަ ބުރުގެ ހީޓުތައް މިއަދު ކުރިއަށްދިޔައިރު، ފުރަތަމަ ހީޓު ކާމިޔާބުކޮށް އިޔަން އަހުމަދު އަދި ހީޓުގެ ދެ ވަނަ ހޯދި މުހައްމަދު ކައިފް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

އިޔަން އާއި ކައިފްގެ އިތުރުން ދެން މި ހީޓުގައި ވާދަކުރީ އަލީ މަމްނޫން އަހުމަދު އެވެ. މި ހީޓުގެ އެއް ވަނަ އިޔަން ހޯދީ 10.17 ގެ ސްކޯއަކާ އެކުގަ އެވެ.

ހީޓުގައި އިޔަން ޖުމްލަ ފަސް ރާޅުގަ އެޅިއިރު، އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރީ ތިން ވަނަ އާއި ހަތަރު ވަނަ ރާޅުގަ އެވެ. އެ ގޮތުން، ތިން ވަނަ ރާޅުން އިޔަން 5.00 ސްކޯކުރިއިރު، ހަތަރު ވަނަ ރާޅުގައި އިޔަން ވަނީ 5.17 ސްކޯކޮށްފަ އެވެ. ދެ ވަނަ އަށްދިޔަ ކައިފްގެ ފުރަތަމަ ރާޅުގައި 4.67 ސްކޯކުރިއިރު، ދެ ވަނަ ރާޅުގައި 3.83 ސްކޯކުރި އެވެ. ކައިފް އަށް ޖުމްލަ ލިބުނީ 8.50 ގެ ސްކޯއެކެވެ.

ހަތަރު ވަނަ ބުރުގެ ދެ ވަނަ ހީޓުގައި އާމިންއާ ވާދަކުރީ ނޫހް މުހައްމަދު ދުނައިމް އިރުޝާދު، އަހުމަދު އަހުނަފް އަދި ނޫން މުހައްމަދު ދުނައިމް އިރުޝާދު އެވެ.


މި ހީޓުގެ އެއް ވަނަ އާމިން ހޯދީ 14.83 ސްކޯ ކޮށްގެނެންވެ. މިއީ، މި ފަހަރުގެ މުބާރާތުގައި އެތުލީޓަކު ހޯދި އެންމެ މަތީ ސްކޯ އެވެ.

މި ހީޓުގައި އާމިން ޖުމްލަ ތިން ރާޅުގައި އެޅިއިރު، ފުރަތަމަ ރާޅުން 8.00 ސްކޯކުރި އެވެ. އެއީ މި ފަހަރުގެ މުބާރާތުގައި އެއް ރާޅުގައި އެތުލީޓަކު އެންމެ މަތިން ސްކޯކުރި ވަރެވެ. އަދި އާމިންގެ ދެ ވަނަ ރާޅުގައި 6.83 ސްކޯކުރި އެވެ.

މި ހީޓުގެ ދެ ވަނަ އަށްދިޔަ ނޫހް އަށް ލިބުނީ 4.03 އެވެ. ނޫހް އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ އަށް ލިބުނީ 1.80 އަދި 2.23 އެވެ.

ހަތަރު ވަނަ ބުރުގެ ތިންވަނަ ހީޓުގައި ވާދަކޮށް މުހައްމަދު އަޒާން އަހުމަދު ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މީގެ އިތުރުން، މި ހީޓުގެ ދެ ވަނަ އަށްދިޔަ، އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ތިން ވަނަ ހީޓުގެ އެއްވަނަ އަޒާން ހޯދީ 12.50 ސްކޯކޮށްފަ އެވެ. އަޒާންގެ ފުރަތަަމަ ރާޅުން 7.50 ސްކޯކުރިއިރު، ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުގައި ވަނީ 5.00 ސްކޯކޮށްފަ އެވެ.

ހީޓުގެ ދެ ވަނަ އަށްދިޔަ، ކުޑައައްޔަ އަށް ލިބުނީ 9.17 ގެ ސްކޯ އެކެވެ. އައްޔަ އެންމެ މަތިން ސްކޯކުރި ރާޅުގައި 5.50 ސްކޯކުރިއިރު، ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުން ވަނީ 3.67 ސްކޯކޮށްފަ އެވެ.


ހީޓު ހަތަރެއްގައި ވާދަކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދީ އަލީ ޖާވިދު (ޖާއްޓޭ) އަދި ބޮޑީބޯޑިން ގައުމީ ލީގުގެ މުބާރާތެއްގައި މުޅިން އަލަށް ވާދަކުރާ މުހައްމަދު ޝައިލާމް އެވެ.

މި ހީޓުގެ އެއް ވަނަ ޖާއްޓޭ ހޯދީ 8.00 ގެ ސްކޯ އަކާއެކުގަ އެވެ. ޖާއްޓޭ އެންމެ މަތިން ސްކޯކުރި ރާޅުން އޭނާ ވަނީ 4.17 ސްކޯކޮށްފަ އެވެ. އަދި، ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުން 3.83 ސްކޯކުރި އެވެ.

މި ހީޓުގެ ދެ ވަނަ އަށްދިޔަ ޝައިލާމް އަށް ލިބުނީ 5.56 ގެ ސްކޯއެކެވެ. ޝައިލާމް އެންމެ މަތިން ސްކޯކުރި ރާޅުން ވަނީ 3.23 އެވެ. އަދި، ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުން ލިބުނީ 2.33 ގެ ސްކޯއެކެވެ.

މީގެ އިތުރުން މިއަދު ކުރިއަށްދިޔަ، ޖޫނިއާ ކެޓަގަރީގެ ކުއާޓާ ފައިނަލުން ކުރިހޯދާ ގައުމީ ލީގުގެ އެއްވަނައިގައި އޮތް އިޔަން އަހުމަދު، އަޒާން، ނޫހް އަދި ހަސަން ނަދީހް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.