Advertisement

އަގުބޮޑުވުމުގެ ޕްރެޝަރު އޮންނަ ކަމަށް ވާޓްޒް ގަބޫލެއްނުކުރޭ

6 އޮގަސްޓު 2025 - 09:51 0


އަގުބޮޑުވުމުގެ ޕްރެޝަރު އޮންނަ ކަމަށް ވާޓްޒް ގަބޫލެއްނުކުރޭ

6 އޮގަސްޓު 2025 - 09:51 0

ލިވަޕޫލް (އޮގަސްޓް 6) - މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ކްލަބް ބަދަލުކޮށް، ލިވަޕޫލަށް ސޮއިކުރި ޖަރުމަނުގެ ފްލޯރިއަން ވާޓްޒް އަށް އަގުބޮޑުވުމުގެ ޕްރެޝަރެއް ނެތް ކަމަށް ބުނެފި އެވެ.

ވާޓްޒް، 22، ގަންނަން ލިވަޕޫލުން ފުރަތަމަ ލެވަކޫސަނަށް ދައްކާނީ 135 މިލިއަން ޑޮލަރެވެ. އަދި، ލިވަޕޫލާ އެކު، ވާޓްޒް ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު 15 މިލިއަން ޑޮލަރު ދައްކާނެ އެވެ. ލިވަޕޫލްގައި ވާޓްޒް ހާސިލްކުރާ ކަންކަމަށް ބަލައި، ލެވަކޫސަނަށް ދައްކަން ޖެހޭ ހުރިހާ ފީއެއް ދޭންޖެހިއްޖެނަަމަ، ވާޓްޒް ވެގެންދާނީ، ޕްރިމިއާ ލީގުގެ ކްލަބަކުން ކުރި އެންމެ އަގުބޮޑު ޓްރާންސްފާ އަށެވެ.

"މި ފީ އާ ބެހޭގޮތުން ހަގީގަތުގައި އަހަރެން ނުވިސްނަން. އަހަރެން ބޭނުންވަނީ ފުޓްބޯޅަ ކުޅެން، އެކަމަށް ވިސްނައި ފޯކަސް ކުރަން. ދެ ކްލަބުން މެދުގައި ފައިސާ ދެނީ ކިހާވަރަކަށްތޯ އެއީ އަހަރެން ވިސްނަން ޖެހޭ ކަންކަމެއް ނޫން،" ލިވަޕޫލާ އެކު، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާ ވާޓްޒް ބުންޏެވެ.

އޭނާގެ ސްޓައިލަކީ، ވަރަށް މިނިވަންކަމާ އެކު، ކުޅެވޭނެ ޓީމަކާ ގުޅުން ކަމަށާއި ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓާ އެކު، އެ ވިސްނުމުގައި އޭނާ އަށް ކުޅެން ފުރުސަތު ލިބޭ ކަމަށް ވާޓްޒް ވަނީ ބުނެފަ އެވެ.

ލެވަކޫސަނާ އެކު ޖަރުމަނު ލީގުގެ ޗެމްޕިއަންކަން މީގެ އެއް އަހަރު ކުރިން ހޯދި ވާޓްޒް ބުނީ، ލިވަޕޫލާ އެކު އަމާޒަކީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދިފާއުކުރުން ކަމަށެެވެ. އަދި، ލިވަޕޫލްގައި އޮތް ސްކޮޑަކީ އެކަން ހާސިލްކުރެވޭނެ ފެންވަރު ހުރި ޓީމެއް ކަމަށް ވާޓްޒް ގަބޫލުކުރެ އެވެ.