Advertisement

ހުޅުމާލެ ފުޓްބޯޅަ ސްކޫލާއި މާފަންނު ސްޓޭޑިއަމްގެ ކަންކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށަނީ

6 އޮގަސްޓު 2025 - 06:11 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މާފަންނު ދަނޑުގައި އަޅާފައިވާ އިމާރާތްތައް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ހުޅުމާލެ ފުޓްބޯޅަ ސްކޫލާއި މާފަންނު ސްޓޭޑިއަމްގެ ކަންކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށަނީ

6 އޮގަސްޓު 2025 - 06:11 0

ހުޅުމާލެ ފުޓްބޯޅަ ސްކޫލުގެ ބިމާއި މާފަންނު ސްޓޭޑިއަމްގެ ބިމުގައި ހުރި މައްސަލަތަކުގެ ކަންކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އެފްއޭއެމްގެ ހިންގާ ކޮމިޓީން ފާސްކޮށްފި އެވެ.

އެ ގޮތުން، އެފްއޭއެމް ހިންގާ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި، މި ދެ އިންފްރާސްޓްރަކްޗާ، ހުޅުމާލޭ ފުޓްބޯޅަ ސްކޫލުގެ ބިމާއި މާފަންނު ސްޓޭޑިއަމްގެ ބިމުގައި ހުރި ކަންކަމުގެ ސައްހަ މައުލޫމާތު ހޯދުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.

މިއީ، އެފްއޭއެމްގެ އެންމެ ފަހުން، އޮތް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕުން ގިނަ ގޯސްތަކެއް ހަދާފައި އޮތް ދެ ޕްރޮޖެކްޓެކެވެ. މީގެ މައްސަލަ ފީފާގެ ސަމާލުކަމަށް ވަނީ އަތުވެފަ އެވެ.

އެފްއޭއެމް އިން ބުނީ، ފުޓްބޯޅަ ސްކޫލް ހެދުމަށް، ހައުސިން ޑިވެލޮޕްމަަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެފްއޭއެމަށް ދިން ބިމުގައި، އެ ތަން ދިން މަގުސަދާއި ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. މިހެންވެ، އެ ބިމުގައި މިހާތަނަށް ކޮށްފައިވާ ކަންކަމާ ގުޅޭ ހާއްސަ އޮޑިޓެއް، ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ އެހީތެރިކަން ހޯދައިގެން ކުރަން އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.

އެ ގޮތުން، ފުޓްބޯޅަ ސްކޫލާއި ޓްރެއިނިން ފެސިލިޓީ އަޅަން ދިން މި ބިން، އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާކަން އެނގެން އެބައޮތެެވެ. އެފްއޭއެމް އިން ބުނީ، އެ ބިންތައް ކުއްޔަށް ދިންކަން އެނގޭނެ އެއްބަސްވުންތަކެއް އެ އިދާރާގައި ނެތުމާ އެކު، އެ ފަދަ އެއްބަސްވުމެއް (ސަބްލީސް ކުރުން ވެސް ހިމެނޭ ގޮތަށް) އޮތް ފަރާތަކުން އެފްއޭއެމަށް މައުލޫމާތު ހިއްސާކުރަން ވަނީ އެދިފަ އެވެ.

މީގެ އިތުރުން، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި، ފީފާގެ ފައިސާގެ އެހީތެރިކަމާ އެކު، އިމާރާތް ފީފާގެ ހުއްދައެއް ހޯދުމެއް ނެތި، އިމާރާތުގެ ކުރެހުމަށް ބަދަލު ގެނެސް، ގުދަންތަކެއް ހަދައި، އެ ތަންތަން ކުއްޔަށް ދީފައިވެ އެވެ. އަދި، މި ގުދަންތައް ކުއްޔަށް ދީފައި ހުރި ގޮތުގެ އެއްބަސްވުންތައް އެފްއޭއެމްގައި ނެތެވެ. އެހެންކަމުން، އެ ގުދަންތައް ކުއްޔަށް ދޭން ހަދާފައި އޮތް ސައްހަ އެއްބަސްވުމެއް އޮތްނަމަ، އެ ކޮންޓްރެކްޓް އެފްއޭއެމަށް ހިއްސާ ކުރުމަށް އެ އިދާރާ އިން އެދެ އެވެ.

މީގެ އިތުރުން، މާފަންނު ސްޓޭޑިއަމްގައި ފީފާގެ ފައިސާގެ އެހީތެރިކަމާ އެކު، ހަަދަމުންދިޔަ އިމާރާތަށް، އެފްއޭއެމް އިން ވަކި ގޮތެއް އަންގަންދެން، އެއްވެސް ބަދަލެއް ނުގެނެސް، އެ ބިމުގެ ސަރަހައްދުގައި، ވަގުތީ ގޮތުން ވިޔަސް، އިތުރު އިމާރާތެއް ވެސް ނުހެދުމަށް އެންގުމަށް ވަނީ ނިންމައިފަ އެވެ.