5 އޮގަސްޓު 2025 - 19:28 0
އަތޫފް އާތިފް
5 އޮގަސްޓު 2025 - 19:28 0
ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް، ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ހަތަރު ވަނަ ބުރުން އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި އާމިން އުމަރު މޫސާ ޖާގަ ހޯދައިފި އެވެ.
މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރު ކާމިޔާބުކޮށް ލީގުގެ އެއް ވަނައިގައި އޮތް އާމިން ދެ ވަނަ ބުރުގައި ވާދަކުރީ ހީޓު ދޭއްގަ އެވެ. މި ހީޓުގެ އެއް ވަނަ އާމިން ހޯދީ 13.17 ސްކޯކޮށްގެންނެވެ.
އާމިންއާއެކު މި ހީޓުގައި ދެން ވާދަކުރީ އިޔަން އަހުމަދު، މުހައްމަދު ޝައިލާމް އަދި މުހައްމަދު ޝިބާތު އެވެ.
ހީޓުގެ އެއް ވަނަ އާމިން ހޯދީ، އޭނާ އެންމެ މަތިން ސްކޯކުރި ދެ ރާޅުން 13.17 ސްކޯ ކޮށްގެންނެވެ. އާމިން ޖުމްލަ ހަ ރާޅުގައި އެޅިއިރު، އެންމެ މަތިން ސްކޯކުރީ ފުރަތަމަ އަދި ހަތަރު ވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުގައި 6.17 ސްކޯކުރިއިރު، ހަތަރު ވަނަ ރާޅުގައި 7.00 ސްކޯކުރި އެވެ.
މި ހީޓުގެ ދެވަނަ އަށްދިޔަ، އިޔަން އަހުމަދު އަށް ސްކޯކުރެވުނީ 6.07 އެވެ.
ބޮޑީބޯޑިލް ލީގުގެ ދެވަނައިގައި އޮތް ކުޑަ އައްޔަ ހަތަރުވަނަ ބުރުން ޖާގަ ހޯދީ ދެވަނަ ބުރުގެ ހީޓު ތިނެއްގައި ވާދަކޮށް 11.16 ގެ ސްކޯއަކުން ހީޓު ކާމިޔާބު ކޮށްގެންނެވެ.
މި ހީޓުގައި ކުޑަ އައްޔަގެ އިތުރުން ދެން ވާދަކުރީ ދާއިން އަބްދުލް ފައްތާހު، ނޫހް މުހައްމަދު ދުނައިމް އިރުޝާދު އަދި އަލީ މަމްނޫން އަހުމަދު އެވެ.
ކުޑަ އައްޔަ ޖުމްލަ ހަތަރު ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރި ފުރަތަމަ ރާޅުގައި ވަނީ 6.33 ސްކޯކޮށްފަ އެވެ. އަދި ދެ ވަނަ ރާޅުގައި 4.83 ސްކޯކުރި އެވެ.
މި ހީޓުގެ ދެ ވަނަ އަށް ދިޔައީ 4.50 ގެ ސްކޯއަކާއެކު ދާއިން އެވެ.
މީގެ އިތުރުން އަލީ ޖާވިދު (ޖާއްޓެ) ވެސް ވަނީ ދެވަނަ ބުރުގެ ހީޓު ކާމިޔާބުކޮށް ހަތަރުވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ދެވަނަ ބުރުގައި ޖާއްޓެ ވާދަކުރީ ހަތަރުވަނަ ހީޓުގަ އެވެ. މި ހީޓުގެ އެއްވަނަ ޖާއްޓެ ހޯދީ 12.33 ގެ ސްކޯއަކާއެކުގަ އެވެ.
ލަބެރާ ބޮޑީބޯޑިން ޗެލެންޖްގައި ޖާއްޓެ ރާޅެއްގައި ދުއްވަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ޖާއްޓެގެ އިތުރުން ދެން މި ހީޓުގައި ވާދަކުރީ އަސްވަން މުހައްމަދު (ދޫނި) އަދި ހުސެއިން އަމަން އަލީ އެވެ.
ޖާއްޓެ މި ހީޓުގައި ޖުމްލަ ހަތަރު ރާޅުގައި ދުއްވިއިރު، އެންމެ މަތިން ސްކޯކުރީ ދެވަނަ ރާޅު އަދި ހަތަރުވަނަ ރާޅުގަ އެވެ. ދެވަނަ ރާޅުގައި 5.50 ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގައި 6.83 ސްކޯކުރި އެވެ.
މި ހީޓުގެ ދެ ވަނަ އަށް ދިޔައީ ދޫނި އެވެ. ދޫނި ވަނީ ޖުމްލަ 9.16 ސްކޯކޮށްފަ އެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ވަނީ ޖޫނިއާ ކެޓަގަރީގެ ހީޓުތައް ވެސް ކުރިއަށް ގޮސްފަ އެވެ.
ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ފުރަތަމަ ހީޓުގައި ވާދަކޮށް ޖޫނިއާ ރޭންކިންގެ އެއްވަނަ އިޔަން އަހުމަދު ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ހީޓު އެކެއްގެ އެއް ވަނަ އިޔަން ހޯދީ 13.00 ގެ ސްކޯއަކާ އެކުގަ އެވެ. މި ހީޓުގައި އިޔަންއާ ވާދަކުރީ ނޫހް އަދި ޝާއިފް ޝަރީފް އެވެ.
ޖޫނިއާ ކެޓަގަރީގައި އިޔަން މެނޫވާއެއް ހަދަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
މި ހީޓުގައި އިޔަން ޖުމްލަ ފަސް ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ދެވަނަ އަދި ފަސްވަނަ ރާޅުގަ އެވެ.
ދެވަނަ ރާޅުގައި އިޔަން ވަނީ ޖުމްލަ 7.17 ސްކޯ ކޮށްފަ އެވެ. މިއީ، މިއަދުގެ ހީޓުތަކުން އެއް ރާޅުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ރާޅެވެ. ފަސް ވަނަ ރާޅުން އިޔަން ވަނީ 5.83 ސްކޯކޮށްފަ އެވެ.
މީގެ އިތުރުން ހީޓު ދޭއްގެ އެއް ވަނަ ހޯދާ ނޫހުް މުހައްމަދު ދުނައިމް އިރުޝާދު ވެސް ވަނީ ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ.
ހީޓު ދޭއްގެ އެއް ވަނަ ނޫހް ހޯދީ 4.67 ގެ ސްކޯއަކުންނެވެ.
ދެން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ހަސަން ނަދީހް އެވެ. ރައުންޑް އެކެއްގެ ފަހު ހީޓުގައި ވާދަކޮށް ނަދީހް ހީޓު ކާމިޔާބުކުރީ 9.33 ގެ ސްކޯއަކާއެކުގަ އެވެ.
Comment