5 އޮގަސްޓު 2025 - 15:28 0
ލީވާން އަލީ ނާސިރު
5 އޮގަސްޓު 2025 - 15:28 0
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކޮށް، ގެންގުޅެ އަދި ވިއްކުމުގެ ތުހުމަތުގައި 22 މީހަކު މިދިޔަ ޖުލައި މަހު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހު ވޭޕާއި ގުޅޭ ތަފާތު 15 މައްސަލައެއްގައި 22 މީހަކު ޖޫރިމަނާކުރީ 127،000ރ. އިން ކަމަށެވެ.
އޭގެ ތެރެއިން 62،000ރ. އަކީ ވޭޕް ބޭނުންކޮށްގެން އަދި 7،000ރ. އަކީ ވޭޕް ވިއްކައިގެން ޖޫރިމަނާ ކުރެވުނު އަދަދު ކަމަށް ފުލުހުން ބުންޏެވެ. އެ އިދާރާއިން އިތުރަށް ބުނީ ވޭޕް ގެންގުޅެގެން ޖުރީމަނާކުރި އަދަދަކީ 58،000ރ. އެވެ.
ފުލުހުން ބުނީ ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ކުރު މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށް ލިބޭނެ ކަމަށެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.
ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅޭ މީހުންގެ އަތުން އެ ތަކެތި އަތުލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ދީ، އެފަދަ އެއްޗެއް މީހެއްގެ އަތުން ފެނިއްޖެ ނަމަ އެ މީހަކު 2000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވާއިދެއް މިދިޔަ ފެބްރުއަރީ މަހު ވަނީ އެކުލަވާލާފަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން، އެފަދަ އެއްޗެއް އަތުލުމަށް ފުލުހުން އުޅުމުން، އެކަމަށް ދެކޮޅު ހަދައިފި ނަމަ އެއީ ވަކި ފަރުދެއް ނަމަ، އެމީހަކު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެކަމަށް އިންކާރު ކުރީ ވިޔަފާރި ޝަހުސިއްޔަތަކުން ނަމަ އެ ވިޔަފާރިއެއް 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.
Comment