5 އޮގަސްޓު 2025 - 08:44 0
ރައީސް މުހައްމަދު މުއިއްޒު: ބޭނުންވެވަޑައިގަންނަވަނީ ކައުންސިލުތަކުގެ ބާރު ކަނޑުވާލަން -- ފޮޓޯ: ރައީސް އޮފީސް
5 އޮގަސްޓު 2025 - 08:44 0
ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަންތަން ކުއްޔަށް ދިނުމަށް ލޯކަލް ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރުތައް ހަނި ކުރަން ހުށަހަޅާފައިވާ ބިލާ ދެކޮޅު ކަމަށް ނ. ކެނދިކުޅުދޫ އަދި ށ. ފޯކައިދޫ ކައުންސިލުން ވެސް ބުނެފި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅު ކަމަށް ކެނދިކުޅުދޫ އަދި ފޯކައިދޫ ހިމަނައިގެން މިހާތަނަށް ހަ ކައުންސިލަކުން ވަނީ ބުނެފަ އެވެ. ބިލާ ދެކޮޅު ކަމަށް ދެން ބުނެފައި ވަނީ، އއ. ބޮޑުފުޅަދޫ އާއި އެ އަތޮޅު މާޅޮހާއި ހދ. ކުޅުދުއްފުށި ސިޓީ އާއި ލ. ގަން ކައުންސިލެވެ.
ކެނދިކުޅުދޫ އަދި ފޯކައިދޫ ކައުންސިލުން ވަކިވަކިން ގެޒެޓު ކުރި ދެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ގާނޫނުއަސާސީ ހިލާފު ކަމަށެވެ. އަދި ބުނެފައި ވަނީ ސަރުކާރުން މަސައްކަތް ކުރަނީ "ހީލަތްތެރި" ގޮތެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށެވެ.
"މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް،" އެ ބަޔާންތަކުގައި ބުނެފައިވެ އެވެ.
ކެނދިކުޅުދޫ އާއި ފޯކައިދޫ ކައުންސިލުން އިތުރަށް ބުނެފައި ވަނީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ އަދި ގެނެސްފައިވާ އިސްލާހުތަކުން، ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށްޓަކައި ބޭނުންވާ ހެޔޮ ނިޔަތް ސަރުކާރުގައި ނެތްކަން ހާމަވާ ކަމަށެވެ.
"މުޅި ޖުމްލަ ގޮތެއްގައި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުން ސާފުވެގެންދާ ހަގީގަތަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި ބާރުވެރިކުރުމުގެ ކުޑަމިންވަރެއްގެ ވެސް ހެޔޮ ނިޔަތެއް ނެތްކަން،" ކައުންސިލުން ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުތަކާ ދެކޮޅަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަދި ވ. އަތޮޅު ކައުންސިލުގެ ރައީސް ސުޖާއު އަލީ ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން، ވިޔަފާރި ކުރުމާއި މުވައްޒަފުން ނެގުމާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމާއި ތަންތަން ކުއްޔަށް ދިނުމަށް ލިބިދީފައިވާ ބާރުތައް އެއްކޮށް ކަހަލަ ގޮތަކަށް ނެތިގެންދާނެ އެވެ.
ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް
ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް
މާލީ ކަންކަމަށް ނުފޫޒު ފޯރުވުން
ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން
Comment