4 އޮގަސްޓު 2025 - 09:00 0
ލީވާން އަލީ ނާސިރު
އައްޑޫ މޭޔަރު އަލީ ނިޒާރު
4 އޮގަސްޓު 2025 - 09:00 0
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ކައުންސިލްތަކުގެ މަސައްކަތް ހުއްޓުމުގެ ބޭނުމުގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ބިލެއް ހުށަހެޅީ ޖާހިލު އަދި ޔަހޫދީ ވިސްނުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނެގުމަށް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހަޅުއްވާފައިވާ ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.
މި ނޫން ވެސް އިތުރު ބަދަލުތަކާއެކު ހުށަހަޅާފައިވާ އެ ބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ނިޒާރު ވިދާޅުވީ "އަދަދު" ނޫހަށް ވިދާޅުވީ މި ވޭތުވެދިޔަ 15 އަހަރު ތެރޭގައި ޕީޕީއެމް/ޕީއެންސީ ސަރުކާރުތަކުން ކައުންސިލްތަކަށް ވަރަށް ބޮޑަށް ދުއްތުރާކޮށްފައިވާ ކަމަށެވެ.
ރައީސް މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ޕީއެންސީ މެންބަރުން ބުނާއިރު، އަދި އެމަނިކުފާނު މާލޭ މޭޔަރުކަން ކުރެއްވުމަށް ފަހު ވެރިކަމަށް ވަޑައިގެން ކައުންސިލަތަކަށް ބިރު ދައްކަމުންދާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"މި ފަހަރު ގެންނަން މި ހުށަހަޅާ ހުށަހެޅުމުގައި އިންތިހާބަށް އެއް އަހަރު ވާއިރު ކައުންސިލުތަކުގެ މަސައްކަތް ހުއްޓާލަންޖެހޭ ގާތްގަނޑަކަށް. އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ކުރުމުގެ އިހްތިޔާރެއް ދެނެއް ނޯންނާނެ. އެއް އަހަރަކީ ރައްޔިތުންނަށް ހިދުމަތް ދޭން ބަލާއިރު ކިހާ ދިގު މުއްދަތެއްތޯ،" ނިޒާރު ވިދާޅުވި އެވެ.
ކައުންސިލްތަކަށް އެ އުސޫލު ހިނގާނަމަ ސަރުކާރުގެ މައްޗަށް އެއް އުސޫލެއް ހިނގަން ޖެހޭނެ ކަމަށާއި އިންތިހާބާ ދިމާކޮށް މަޝްރޫއުތައް އަލަށް ފެށުން ސަރުކާރުން ވެސް ހުއްޓާލަން ޖެހޭނެ ކަމަށާއި ހާއްސަކޮށް ރިޔާސީ އިންތިހާބަށް އެއް އަހަރު ކުރިން ސަރުކާރުން ވެސް މަޝްރޫއުތައް އަލަށް ފެށުމާއި ވަޒީފާ ދިނުން ހުއްޓާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ކައުންސިލްތަކުގެ ކުންފުނިތަކުގެ މަސައްކަތް ވެސް ހުއްޓިގެންދާނެ ކަމަށާއި އެފަދަ ޖާހިލު ވިސްނުމަކަށް ދިޔުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ.
"މިއީ 2025 ވަނަ އަހަރު. މިކަހަލަ ޖާހިލު ވިސްނުމަށް ދިއުމަކީ މިއީ ހެޔޮވާވަރު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލްތަކަށް މާލީ މިނިވަންކަން އޮންނަންވާނެ ކަށާއި އެއީ ރައްޔިތުންނަށް ލިބޭނެ މިނިވަން ކަމެއްކަން ނިޒާރު ފާހަގަ ކުރެއްވި އެވެ.
މި ސަރުކާރަށް ދެ އަހަރު ވުމަށް ގާތްވާއިރު، އަތޮޅުތަކަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށާއި، މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީގައި ގާބުރިއެއްހާ މިންވަރު ވެސް ބާއްވާފައި ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ.
"މިހާރު އައްޑޫގައި ކުރާ ކަމެއް މިކުރަނީ އައްޑޫ ސިޓީ ކައުންސިލުން. މިހެން ކޮށްކޮށް އޮތްވައި އަޅުގަނޑުމެންގެ މަސައްކަތް ހުއްޓާލަން މި ޖެހެނީ. މިއީ ދެން ވަރަށް އުނދަގޫ ހާލަތެއް އެނގޭތޯ. ވަރަށް ދެރަ ހިތާމަހުރި ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ތާއިދު ދަށްވަމުން ދާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ގާނޫނު ބަދަލު މިކުރަނީ "ޔަހޫދީ ވިސްނުމުގައި ކައުންސިލްތައް ނަގަން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި މި ރޭވޭ ރޭވުންތެރިކަމަކީ މަކަރުވެރިކަމާއި ހަމަ ޔަހޫދީ ވިސްނުމުގައި ކައުންސިލްތައް ނަގަން މަސައްކަތް މި ކުރެވެނީ. އެއީ މިހާރު ހުރި ކައުންސިލްތަކުގެ، ހާއްސަކޮށް ބޮޑެތި އާބާއިދުތަކުގެ، ސިޓީތަކުގެ މެޖޯރިޓީ މި އޮތީ އިދިކޮޅު އެމްޑީޕީއަށް. އެހެން އޮތީމަ އެންމެ ފަސޭހައިން ހާއްސަކޮށް މި ތަންތަން ނެގުމަށް އޮތީ ކައުންސިލުތައް ދަތިކޮށް ކައުންސިލުތައް ހުއްޓުވައި، ކައުންސިލުތައް ސަސްޕެންޑުކޮށް މިކަހަލަ ފިޔަވަޅުތައް އަޅައިގެން ކައުންސިލުތަކުގެ އަގުވައްޓާލައިގެން،" ނިޒާރު ވިދާޅުވި އެވެ.
މި ސަރުކާރަކީ ކައުންސިލްތަކުގެ ބޭނުމެއް ހިފާ، ކައުންސިލްތަކުން ރުހޭ ގޮތަކަށް ވާހަކަ ދައްކާ، ކަމެއް ކުރާ ސަރުކާރަކަށް ނުވާތީ ކައުންސިލްތަކުގެ މެޖޯރިޓީ ނެގުމަށް މަސައްކަތް ކުރުމުގެ ބޭނުމެއް ވެސް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވައުދުވި ގޮތަށް މަޝްރޫއުތައް ނުފެށި، މުދަލާއި ތަކެތީގެ އަގުބޮޑުވެ، ހިޔާނާތާއި ވައްކަމުގެ ތުހުމަތު ގިނަވެ، އަދި ސަރުކާރުގެ ހިންގުން ދޯދިޔާވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment