Advertisement

މުއިއްޒު ގެންދަވަނީ ދީނީ ތާކިހާ ތުރުކުރައްވައިގެން ގައުމު ލޫޓުވަމުން: އައްބާސް

31 ޖުލައި 2025 - 14:40 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މުއިއްޒު ދުއާއަކަށް އަތް ނަންގަވައިގެން: ގައުމުގައި ކޮރަޕްޝަނާއި ވައްކަން ގިނަ -- ފޮޓޯ: ރައީސް އޮފީސް


މުއިއްޒު ގެންދަވަނީ ދީނީ ތާކިހާ ތުރުކުރައްވައިގެން ގައުމު ލޫޓުވަމުން: އައްބާސް

31 ޖުލައި 2025 - 14:40 2

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގެންދަވަނީ ދީނީ ތާކިހާ ތުރުކުރައްވައިގެން މުޅި ގައުމު ލޫޓުވަމުން ކަމަށާއި މި ހާލަތުން އަރައިގަތުމަށްޓަކައި ދިވެހި ރައްޔިތުން މުއިއްޒުއަށް ރަނގަޅު މެސެޖެއް ދޭންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާރީހުގައި ދުވަހަކު ވެސް ނުވަންނަ ވަރަށް ރާއްޖޭގެ ބައިތުލްމާލަށް މިހާރު ފައިސާ ވަންނަމުންދާ ކަމަށެވެ. ނަމަވެސް ޑޮލަރާއި ތަކެތީގެ އަގާއި ޒަރޫރީ ހިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުވަމުންދާ ކަމަށް އައްބާސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ވެސް ރައްޔިތުން އުޅެން ނުޖެހޭ ހިތްދަތި އުނދަގޫ ހާލަތެއް މިހާރު ކުރިމަތި ކުރުވާފައި ވާތީ، ދީނީ ތާކިހާ ބޮލު އަޅައިގެން ރައީސް ޑރ. މުއިއްޒު އަޑީގައި ހުންނަވައިގެން މުޅި ގައުމު ލޫޓުވަމުން ދިޔުމަކީ ހިތާމަ ހުރި ކަމެއް،" އައްބާސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"މި ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުއިއްޒުއަށް ރައްޔިތުން ރަނގަޅު މެސެޖެއް ދޭންޖެހޭ ހާލަތަށް ގައުމު އެދި ގޮވަމުން ދަނީ."

އައްބާސް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ރާއްޖޭގެ ތަރީހުގައި ވެސް ނުދާހާ މައްޗަށް ޑޮލަރުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވެސް ހުރީ 20ރ. އިން މަތީގަ އެވެ. ކޮވިޑުގެ ދުވަސްވަރު މުޅި ދުނިޔޭގެ އިގުތިސާދު ހުއްޓިފައި އޮތް ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20ރ. އިން މައްޗަކަށް ނުދެ އެވެ.

ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުގެ އިތުރުން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތީގެ އަގުތައް ވެސް އަތް ނުފޯރާ ވަރަށް އުފުލިފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

އޭގެއިތުރުން އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ އެތައް ދުވަހެއް ފާއިތުވެފައިވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. ނަމަވެސް މިކަންކަމާ ގުޅިގެން ސަރުކާރުން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.