Advertisement

އެޗްޑީސީގެ އެމްޑީގެ މަގާމަށް ޒުހައިރު ބަދަލުކޮށް އާރުޑީސީއަށް ނަޒީމް އައްޔަނުކޮށްފި

30 ޖުލައި 2025 - 18:22 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނަޒީމް (ކ)، ޒުހައިރު (ވ)


އެޗްޑީސީގެ އެމްޑީގެ މަގާމަށް ޒުހައިރު ބަދަލުކޮށް އާރުޑީސީއަށް ނަޒީމް އައްޔަނުކޮށްފި

30 ޖުލައި 2025 - 18:22 1

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑައިރެކްޓަރަކަށް ހުރި އަހްމަދު ޒުހައިރު ބަދަލުކޮށް އޭނާ ހުންނެވި މަގާމަށް މއ. އެލީޒިއަމް، އިބްރާހިމް ނަޒީމް އައްޔަނުކޮށްފި އެވެ.

މިހާ ހިސާބަށް ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ނޮވެމްބަރު 21، 2023 ގަ އެވެ.

ޒުހައިރުއަކީ ސިފައިންގޭގައި ބްރިގޭޑިއާ ޖެނެރަލްގެ ރޭންކް ފުރުއްވުމަށް ފަހު ރިޓަޔާ ކުރެއްވި ބޭފުޅެކެވެ. އޭނާ އާރުޑީސީއަށް އައްޔަނުކުރީ ނޮވެމްބަރު 29، 2023 ގަ އެވެ.

ޒުހައިރު އެޗްޑީސީއަށް ބަދަލުކޮށްފައި މިވަނީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަކަށް ހުންނެވި މައުރޫފް ޖަމީލް ރިޓަޔާވާން ހުށަހަޅާފައި އޮއްވައި، އޭނާ އިސްތިއުފާ ދޭން ސަރުކާރުން މަޖުބޫރު ކުރުމުން މިއަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ޑިސެމްބަރު 22، 2024، ގަ އެވެ. އޭގެ ކުރިން އެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަނުކޮށްފައި ހުރީ ކޮރަޕްޝަންގެ އެތައް ތުހުމުތަކެއް އަމާޒުވެ އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދު އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މަގާމުގައި ހުންނެވިއިރު އެ ކޯޕަރޭޝަން ހިންގި ބޮޑެތި ކޮރަޕްޝަންތަކަކާއި ވައްކަމުގެ މައްސަލަތަކެއް ފަޅާ އެރުމުންނެވެ.

އޭގެ ތެރޭގައި، ކޮރަޕްޝަނާއި ވައްކަމުގެ ތެރެއިން، އެއްވެސް އިއުލާނު ކުރުމެއް ނެތި ބިން ވިއްކުމާއި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ބިން ނުލިބޭ އެތައް ބަޔަކަށް ބިން ލިބުނު ކަމަށް ހަދައި ގޯތި ދޫކުރުން ހިމެނެ އެވެ. އެ ކޮރަޕްޝަނާއި ވައްކަންތަކުން ގެއްލުން އަދަދު މިހާތަނަށް ހިސާބު ވެސް ނުކުރެވެ އެވެ.