30 ޖުލައި 2025 - 13:06 0
ލީވާން އަލީ ނާސިރު
މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުތައް ވެސް ވަރަށް ގަދަ -- ފޮޓޯ: އަތޫފް އާތިފް / އަދަދު
30 ޖުލައި 2025 - 13:06 0
މާލެއިން 40 މީހުންނާއެކު ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރި ބޯޓެއް ކާށިދޫ ކަނޑަށް ހުއްޓިގެން، އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓުގެ އިންޖީނު ހުއްޓުމާ ގުޅިގެން، ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިޔާ ކޮމާންޑް، ކޯސްޓްގަޑް ފަސްޓް ސްކޮޑްރަން އިން ކަމަށެވެ.
"40 މީހުންނާއެކު މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރި ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން،" އެމްއެންޑީއެފް އިން ބުންޏެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުއްޓިފައި ވަނީ ލައިފްލައިން ނަމަކަށް ކިޔާ ބޯޓެވެ. އެ ބޯޓުން މީހުންނާއި މުދާ ހުސްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މުޅި ރާއްޖެއަށް ވެސް ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސް ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު، އެމްއެންޑީއެފް އިން ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
މިގޮތުން އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ކޮންމެހެން ދަތުރުކުރަންޖެހޭ މީހުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށެވެ. އެގޮތުން އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށެވެ.
Comment