Advertisement

ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ ހިމެނޭ

about 2 hours 0

ބިލިއަނަރު ގޯތަމް ސިންގްހާނިއާ: އޭނާގެ ހަށިގަނޑުގެ ހަ ތަނަކަށް އަނިޔާވި ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: އިކޮނޮމިކް ޓައިމްސް


ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ ހިމެނޭ

about 2 hours 0

ވާވު އަތޮޅުގައި ރޭ ދަންވަރު ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ ހިމެނޭކަން އަދަދު އަށް ކަށަވަރުވެއްޖެ އެވެ.

ރޭމަންޑް ޓެކްސްޓައިލްސްގެ ވެރިޔާ ގޯތަމް ސިންގްހާނިއާ, 60, އަށް އަނިޔާވީ ލޯންޗެއް ބަންޑުން ޖަހާލައިގެން ރޭ ދަންވަރު 1:15 ހާއިރު ހިނގި ހާދިސާގަ އެވެ. ބަންޑުން ޖަހާލީ އޭނާގެ ޔޮޓު، ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. އެ ހާދިސާގައި ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ އަދިވެސް ކުރަމުންނެވެ.

އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް އެނގިފައިވާ ގޮތުގައި ބަންޑުން ޖަހާލީ ވަރަށް ބާރުގައި ސްޕީޑެއްގައި ދުއްވަން ތައްޔާރުކޮށްފައި ހުންނަ ސިނގިރެޓު ރޭސިންގެ ލޯންޗެކެވެ. ބަންޑުން ޖަހާލި އިރު އެ ލޯންޗު ދުއްވަން އިނީ ވެސް ގޯތަމް ސިންގްހާނިއާ ކަން މި ނޫހަށް މައުލޫމާތު ލިބެ އެވެ.

އެ އެކްސިޑެންޓުގައި ބިލިއަނަރު ގޯތަމް ސިންގްހާނިއާއަށް އަނިޔާވިކަން ފުލުހުން ވެސް ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ގޯތަމްގެ ހަށިގަނޑުގެ ހަ ތަނަކަށް ސީރިއަސް ނޫން އަނިޔާ ލިބިފައިވެ އެވެ. އަނިޔާ ލިބުނު ތަންތަނުގެ ތެރޭގައި އޭނާގެ މޫނާއި އަތް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ރާއްޖެ އައިސް އުޅުނު ގޯތަމްގެ ލަގްޒަރީ ޔޮޓު


ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރުގެ ނެޓް ވޯތެއް އޮންނަ ގޯތަމް ސިންގްހާނިއާއަކީ ލަގްޒަރީ އަދި ހައި ސްޕީޑް ކާރުތަކަށް ލޯބި ކުރާ މީހެއް ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި ބާރަށް ދުއްވާ ލޯންޗު ދުއްވަން އޭނާ ޝައުގުވެރިވާ ކަމަށް ވެސް ރިޕޯޓުކޮށްފައި އެބަހުއްޓެވެ.

ގޯތަމްގެ އިތުރުން އެ ލޯންޗުގައި ހަ މީހަކު ތިއްބެވެ. އިނގިރޭސިވިލާތް އަދި ރަޝިޔާގެ ދެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. ލޯންޗުގައި ތިބި މީހުންގެ ތެރެއިން ގެއްލިގެން ހޯދަނީ އިންޑިއާގެ ދެ މީހެކެވެ. ގެއްލުނު ދެ މީހުން ހޯދަން ސިފައިން ވަނީ މިއަދު ޑްރޯން ވެސް ދުއްވައިފަ އެވެ.

މެރިން ޓްރެފިކް މޮނީޓާ ކުރާ ވެބްސައިޓުތަކުން ދައްކާ ގޮތުގައި ގޯތަމްގެ ޔޮޓު، ޓީޓީ އަޝޭނާ މިހާރު އޮތީ މުމްބާއީގެ ބަނދަރެއްގަ އެވެ. އެހެންކަމުން ގޯތަމް ވެސް ޔޮޓުގައި ރާއްޖެއިން ފުރި ކަމަށް ބެލެވެ އެވެ.