29 ޖުލައި 2025 - 15:44 0
ލީވާން އަލީ ނާސިރު
29 ޖުލައި 2025 - 15:44 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 ރުފިޔާ ލިބުނުއިރު، އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބީއެމްއެލް އިން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.05 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅައިބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް ބޭންކުން ބުންޏެވެ.
"މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވޭ. މިއީ ކުރީ އަހަރުގެ މުއްދަތާ އަޅާބަލާއިރު ހަ ޕަސަންޓުގެ ކުރިއެރުމެއް،" ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުން ޖުމްލަ ދޫކޮށްފައިވާ ލޯނުގެ އަދަދު އުޅެނީ 21.3 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާއެކު ޖުމްލަ އެސެޓް ހުރީ 51 ބިލިއަން ރުފިޔާގައި ކަމަށް ބޭންކުން ބުންޏެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.
"މި ކުއާޓަގައި ބޭންކުން ހޯދި ހަރުދަނާ ނަތީޖާއަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ނަތީޖާއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތަށްދޭ އަހުމިއްޔަތުކަމާއި އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ ހަރުދަނާކަން،" ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލް އިން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާއަކަށް 55ރ. ގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހަން ފާސްކޮށްފަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއި، ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، އެޖެންޓް ބޭންކިން ހިދުމަތްތަކާއެކު ބީއެމްއެލް އިން ފުރިހަމަ ޑިޖިޓަލް ހިދުމަތްތެއް ފޯރުކޮށްދެ އެވެ.
Comment