Advertisement

ހައްޔަރު ކުރަން އަމުރެއް ނެރެފައި އޮތް ނަމާލް ލަންކާއަށް ގޮސް ކޯޓަށް ދިޔުމުން ކަފާލާތުގެ ދަށުން ދޫކޮށްލައިފި

29 ޖުލައި 2025 - 14:58 0


ހައްޔަރު ކުރަން އަމުރެއް ނެރެފައި އޮތް ނަމާލް ލަންކާއަށް ގޮސް ކޯޓަށް ދިޔުމުން ކަފާލާތުގެ ދަށުން ދޫކޮށްލައިފި

29 ޖުލައި 2025 - 14:58 0

ރާއްޖޭގައި ހުންނަވަނިކޮށް ހައްޔަރު ކުރުމުގެ އަމުރެއް ނެރުނު ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރަޖަޕަކްސާ ގައުމަށް އެނބުރި ވަޑައިގެން ކޯޓަށް ހާޒިރުވުމުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލައިފި އެވެ.

ގާތްގަނޑަކަށް 70 މިލިއަން ލަންކާ ރުޕީސްގެ ރިޝްވަތެއް ނެގިކަމުގެ ތުހުމަތު ކުރެވޭ ނަމާލް، 39، ހައްޔަރު ކުރުމުގެ އަމުރެއް ނެރުނީ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުމުންނެވެ. އޭރު އޭނާ ހުންނެވީ ރާއްޖޭގަ އެވެ.

އޭނާ އެނބުރި ގައުމަށް ވަޑައިގަތީ މިއަދުގެ ވަގުތެއްގަ އެވެ. އެއަށް ފަހު އޭނާ ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ އެދުނީ ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށެވެ. މައްސަލަ ބެއްލެވި ގާޒީ އަމަރު ކުރެއްވީ ނަމާލް އެދިވަޑައިގަތް ގޮތަށެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސަގެ ދަރިކަލުން ނަމާލް ރާއްޖެ ވަޑައިގެންނެވީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ އާއެކު އިއްޔެ އެއް ފްލައިޓެއްގަ އެވެ. ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވީ ފުރަމާނަ ދަތުރެއްގަ އެވެ.

ނަމާލް ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި ކައިވެނީގެ ޕާޓީއަކަށް ހާޒިރުވާން ކަމަށް ސްރީ ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ނަމާލްއަކީ ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އަދި މީގެ ކުރިން ޔޫތު މިނިސްޓަރުގެ މަގާމު ވެސް އޭނާ އަދާ ކުރެއްވި އެވެ.

ނަމާލްއަށް ތުހުމަތު ކުރެވެނީ ރިޝްވަތު ނެންގެވުމަށްފަހު އިންޑިއާގެ ކްރިޝް ރިއަލް އެސްޓޭޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، ކޮޅުނބުގެ އެންމެ އަގުބޮޑު ސަރަހައްދުން ބިމެއް ހަމަޖައްސައިދިނުމެވެ. އެ ފައިސާ ދީފައި ވަނީ ލަންކާގައި ރަގުބީ ކުރިއަރުވަން ކަމަށް ބުނެ އެވެ. އެ ހާދިސާ ހިނގީ 2015 ވަނަ އަހަރެވެ.

ނަމާލްގެ މައްޗަށް އެ ދައުވާ އުފުލީ ޖެނުއަރީ، 2025، ގަ އެވެ. ދައުވާ އުފުލުމުން ނަމާލް ވިދާޅުވީ، އޭނާގެ މައްޗަށް އުފުލީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި ބުނެފައި ވަނީ ސަރުކާރުން މަސައްކަތް ކުރަނީ ރަޖަޕަކްސަ އާއިލާގެ މެންބަރުން ހިފައި ހައްޔަރު ކުރަން ކަމަށެވެ.