Advertisement

އެލިސަން އަމިއްލަ ކަމެއްގައި ލިވަޕޫލްގެ ޕްރީ ސީޒަން އޭޝިއާ ޓުއާ ދޫކޮށްލައިފި

29 ޖުލައި 2025 - 11:18 0


އެލިސަން އަމިއްލަ ކަމެއްގައި ލިވަޕޫލްގެ ޕްރީ ސީޒަން އޭޝިއާ ޓުއާ ދޫކޮށްލައިފި

29 ޖުލައި 2025 - 11:18 0

ޓޯކިޔޯ، ޖަޕާން (ޖުލައި 29) - އަމިއްލަ ކަމެއްގައި ބައިވެރިވުމަށް، ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު، އެލިސަން ބެކާ، ލިވަޕޫލްގެ ޕްރީ ސީޒަން އޭޝިއާ ޓުއާ ދޫކޮށްލައިފި އެވެ.

ޖަޕާނުގެ ޔޮކޮހޯމާ މެރިނޯސްއާ ދެކޮޅަށް މާދަމާ އެ ގައުމުގައި ލިވަޕޫލުން އޭޝިއާ ޓުއާގެ މެޗެއް ކުޅެން ދިޔައިރު، އެލިސަން ވެސް ޓީމާ އެކު ދަތުރުކުރި އެވެ. އެކަމަކު، އަމިއްލަ ކަމެއްގައި ބައިވެރިވުމަށްޓަކައި، އެލިސަން ވަނީ އެނބުރި ލިވަޕޫލަށް އަތުވެފަ އެވެ. އަދި، އަލުން އެލިސަން ޓީމާ ގުޅޭނީ، ލިވަޕޫލުން އިންގްލެންޑަށް އައުމުންނެވެ.

އެލިސަން ވަނީ ޕްރީ ސީޒަނުގައި ލިވަޕޫލުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ކުޅެފަ އެވެ.

ރޯމާ ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި އެލިސަން، 32، އަކީ މިދިޔަ ހަތް އަހަރު ތެރޭ ލިވަޕޫލްގެ ހުރިހާ ކާމިޔާބެއްގައި އިސް ރޯލެއް ކުޅެފައިވާ ކުޅުންތެރިއެކެވެ. ލިވަޕޫލާ އެކު، އެލިސަން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ. މިދިޔަ ސީޒަނުގައި، އަލް ނަސްރުން އެލިސަން ގަންނަން ކުރި ބިޑް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ޔޮކޮހޯމާއާ ދެކޮޅަށް ލިވަޕޫލުން ކުޅޭ މެޗުގައި ފުރަތަމަ އެގާރައިގައި ކުޅޭނެ ކަމަށް ބެލެވެނީ، ޖޯޖިއާގެ ކީޕަރު، ޖިއޮޖީ މަމަޑާޝްވިލީ އެވެ. އޭނާގެ އިތުރުން، ލިވަޕޫލްގެ ޓުއާގެ 27 ކުޅުންތެރިންގެ ތެރޭގައި، ތިން ގޯލްކީޕަރުން ހިމެނެ އެވެ. އެއީ، ފްރެޑީ ވުޑްމަން، އާމިން ޕެކްޝީ އަދި ކޯނަލް މިސްޝިއޫރް އެވެ.

އެލިސަން އަކީ ލިވަޕޫލްގެ ޕްރީ ސީޒަން ޓުއާ ދޫކޮށްލި ތިން ވަނަ ކުޅުންތެރިޔާ އެވެ. އެ ގޮތުން، އަނިޔާގެ ސަބަބުން އިނގިރޭސި ޑިފެންޑަރު، ޖޯ ގޯމޭޒް އެނބުރި ލިވަޕޫލަށް އަންނަން ޖެހުނުއިރު، ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒް ވަނީ، ބަޔާން މިއުނިކަށް ސޮއިކުރަން ޖަރުމަނަށް ގޮސްފަ އެވެ.