29 ޖުލައި 2025 - 09:31 2
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ ރާއްޖެއިން އަމަލުކުރި ގޮތުން ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން އިސްކަން ދޭ މިންވަރާ ގުޅޭ ގޮތުން ކަންބޮޑުވާ މެސެޖެއް ދެވިފައިވާ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
29 ޖުލައި 2025 - 09:31 2
"ޔޫއެން އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ފަލަސްތީން އެންޑް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން" ގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ބައިވެރިވެވަޑައިނުގަތުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުހިންމު ކޮންފަރެންސްގައި ހަލީލް ބައިވެރިނުވެ، ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެގެ ޝަރަފުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރަމާނަ ޖާފަތުގައި ބައިވެރިވުން ލަދުވެތި ކަމަށެވެ.
"އެންމެ މަތީ ފަންތީގައި ރާއްޖެ ތަމްސީލުކުރުމަށް ކޮންފަރެންސްގައި ބައިވެރިނުވެ، ޖާފަތެއްގައި ބައިވެރިވުން މާ މުހިންމު ކަމަށް ހަލީލް ދެކެވަޑައިގަތުމަކީ ވަރަށް ހިތާމަހުރި އަދި ލަދުވެތިކަމެއް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖެއިން އަމަލުކުރި ގޮތުން ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން އިސްކަން ދޭ މިންވަރާ ގުޅޭ ގޮތުން ކަންބޮޑުވާ މެސެޖެއް ދެވިފައިވާ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ރައްޔިތުން އެ ކޮންފަރެންސްގައި ގައުމު ތަމްސީލުކުރަން އެންމެ ބޭނުންވާނީ މުއިއްޒު ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ނަމަވެސް ފަލަސްތީނުގައި ވަކި ދައުލަތެއް ގާއިމުކުރުމާ ގުޅޭ މުހިންމު އެ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވީތީ، އެކަމާ ވަރަށް ހިތްހަމަ ޖެހުނު ކަމަށް ފައްޔާޒް ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ނިއުޔޯކުގައި އިއްޔެ އާއި މިއަދު ބާއްވާ އެ ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރީ ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ.
Comment