29 ޖުލައި 2025 - 08:41 1
ލީވާން އަލީ ނާސިރު
ހުޅުމާލެ: ބިންހެލުމުގެ އަސަރު ހުޅުވާލެއަށް ވެސް ކުރި ކަމަށް މެޓުން ބުނޭ -- ފޮޓޯ: އެޗްޑީސީ
29 ޖުލައި 2025 - 08:41 1
އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް ރެކްޓާ މިންގަނޑުން 6.2 ބާރުމިނުގައި ރޭ އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރޭ 11:41 ގައި އައި އެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައި ނުވި ނަމަވެސް، ބިންހެލުމާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.
ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރޭ 11:48 ހާއިރު ލޮޅުމެއްގެ އަސަރު ރެކޯޑު ކުރެވިފައިވާ ކަމަށް ވެސް މެޓުން ބުންޏެވެ.
ރާއްޖެ އާއި ނިކޮބާ އައިލެންޑްސްއާ ދެމެދު ހުންނަނީ 2275 ކިލޯމީޓަރެވެ.
ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގެ އެއްވެސް ގައުމަކަށް ވެސް ނުރައްކަލެއް ނެތް ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
Comment