މާލޭގެ އުސް އިމާރާތަކުން މި ސަރަހައްދުގެ ވައި ހުރި ގޮތް ފެންނަ ގޮތް
ކުރިއަށް އޮތް ފަސް ދުވަހަކީ ރާއްޖެ ސަރަހައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވާނެ ދުވަސްތަކަކަށް ވާތީ ސަމާލުވުމަށް މެޓް އޮފީހުން އެދިއްޖެ އެވެ.
މިއަދު ވެސް ދުންފުހުގެ އަސަރު އުތުރާއި މެދުރާއްޖެތެރެއަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް މެޓުން ބުނެ އެވެ. އެގޮތުން މިއަދު ދުރު ފެންނަނީ ތިން ކިލޯމީޓަރާ ހަމައަށް ކަމަށް އެ އިދާރާއިން ބުނެ އެވެ.
"ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ. އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑު ދަތުރުުކުރާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދެއްވުން އެދުން،" މެޓުން ބުނެފައިވެ އެވެ.
ރާއްޖޭގެ ވައި ކޮލިޓީ މިވަގުތު ހުރީ 105 އަށްވުރެ މަތީގަ އެވެ. މިއީ އާންމު ސިއްހަތަށް ނުރައްކާތެރި ވަރެކެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އާންމު ސިއްހަތަށް ގެއްލުންވާ މިންވަރަށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުމާ ގުޅިގެން އެކަމަށް ސަމާލުވުމަށް މީގެކުރިން ވެސް އެދިފަ އެވެ.
ވައި ނުސާފު ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ނުވަތަ އެލާޖީގެ މައްސަލަތައް ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުން މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އެޗްޕީއޭއިން މީގެ ކުރިން އިލްތިމާސް ކޮށްފައިވެ އެވެ.
ވައި ނުސާފު ދުވަސްވަރު ތުއްތު ކުދިން ގެއިން ބޭރަށް ނުނެރުމަށާއި ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި ގެއިން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ކުޑަ ދުވަސްކޮޅަކަށް މަޑު ޖައްސައިލަން އެޗްޕީއޭއިން މީގެ ކުރިން އިލްތިމާސް ކޮށްފައިވެ އެވެ.
Comment