28 ޖުލައި 2025 - 19:09 10
މުހައްމަދު ޝަހްޒާން
އާރްޓީއެލްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗުތަކުގެ ކުލައަށް ގެނެސްފައިވާ ތަފާތު؛ ކުރީގެ ޑިޒައިން (ތ) މިހާރުގެ ޑިޒައިން (މ) -- ފޮޓޯ: އެމްޓީސީސީ
28 ޖުލައި 2025 - 19:09 10
މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ގެ ލޯގޯގައި ހުރި ރީނދޫ ކުލަ އުނިކޮށް، ބަދަލުގައި އަޅި ކުލަ ބޭނުން ކުރަން ފަށައިފި އެވެ.
ސަރުކާރުގެ ޓްރާންސްޕޯޓު ކުންފުނި، އެމްޓީސީސީގެ ދަށުން ދޭ އާރްޓީއެލް ހިދުމަތުގެ ލޯގޯއަށް ބަދަލު ގެނެސްފައިވާކަން އެނގުނީ ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް އެ އަތޮޅަށް ގެންދިޔަ ލޯންޗުތަކުގެ ބޭރު ދަވާދަށް ގެނެސްފައިވާ ބަދަލުންނެވެ.
އެ ކުންފުނިން އާާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް ގެންދިޔަ ލޯންޗުތަކުގެ ބޭރުގައި ލާފައި ހުރީ މަޑު ނޫ ކުލަ އާއި ގަދަ ނޫ ކުލައިގެ އިތުރުން އަޅި ކުލަ އެވެ. މިހާރު އަޅި ކުލަ ލާފައި ހުރި ތަންތަނުގައި މީގެ ކުރިން ލާފައި ހުންނަނީ ރީނދޫ ކުލަ އެވެ. އެ ލޯންޗުތަކުގައި ޖަހާފައި ހުރި އާރްޓީއެލް ލޯގޯގައި ވެސް ހުރީ ރީނދޫ ކުލައިގެ ފަށް އަޅި ކުލައަށް ބަދަލުކޮށްފަ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ބޭނުންކުރާ ލޯންޗުތަކުގެ ދަވާދު ކުލަ ބަދަލު ކުރި ނަމަވެސް އާރްޓީއެލްގެ ރަސްމީ ސޯޝަލްމީޑީއާ އެކައުންޓުތަކަށް އަދި ބަދަލެއް ނުގެނެ އެވެ.
އާރްޓީއެލް ހިދުމަތް ދޭން ބޭނުންކުރާ ފެރީތަކުގެ ބޭރު ކުލައަށް ސަރުކާރުން ބަދަލުތަކެއް ގެނައި ސަބަބެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ. އަދި އާރްޓީއެލްގެ ލޯގޯއަށް ރަސްމީކޮށް ބަދަލެއް ގެނައިކަމެއް ވެސް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި އާރްޓީއެލްގެ ހިދުމަތް ރާއްޖޭގެ 11 އަތޮޅެއްގައި މިހާރު ދެ އެވެ. އެ ހިދުމަތް އެންމެފަހުން ދޭން ފެށީ މިއަދު ބ. އަތޮޅުގަ އެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.
Comment