24 ޖުލައި 2025 - 21:42 0
މުހައްމަދު ޝަހްޒާން
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު
24 ޖުލައި 2025 - 21:42 0
ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ލުޔެއް ހޯދުމަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި، ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ބޭރު ފައިސާގެ މިންވަރު، (މިނިމަމް ރިޒަރވް ރިކުއަޔަރމަންޓް ނުވަތަ އެމްއާރްއާރް) 7.5 ޕަސެންޓުން އިން ފަސް ޕަސެންޓަށް ދަށްކުރަން ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ނިންމަވައިފި އެވެ.
"މި ބަދަލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ލިބެން ހުންނަ މިންވަރު އިތުރުކުރުމެވެ،" މިއަދުން ފެށިގެން އަމަލުކުރަން ފަށާ އެ ނިންމުމާ ގުޅޭ ގޮތުން އެމްއެމްއޭއިން މީޑިއާތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވެ އެވެ.
އެމްއާރްއާރް އަކީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ތެރެއިން އެންމެ މަދުވެގެން ބޭންކުތަކުން ސެންޓްރަލް ބޭންކް (އެމްއެމްއޭ) ގައި ރިޒާވްގެ ގޮތުގައި - ރުފިޔާ ނުވަތަ ބޭރު ފައިސާއިން - ބަހައްޓަންޖެހޭ މިންވަރެވެ. މި ރިޒާވްތައް ލޯނު ދޫކުރުމަށް ނުވަތަ އިންވެސްޓްކުރުމަށް ބޭނުމެއް ނުކުރެވޭނެ އެވެ. އަދި މިއީ މާލީ ނިޒާމުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ޓަކައި ބެހެއްޓޭ ފައިސާއެވެ.
އެމްއެމްއޭއިން ބުނީ އެމްއާރްއާރް ދަށްކުރުމުން ބޭންކުތަކުގައި ހުންނަ ބޭރު ފައިސާގެ އިތުރުވެ، ލޯނު ދޫކުރުމަށް ނުވަތަ އެހެން ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށެވެ. އަދި މިހާރު ބޭރު ފައިސާ ހޯދަން ހުރި ޕްރެޝަރަށް ލުއި ކަމެއް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ބަދަލު އެމްއެމްއޭއިން މި ގެނައީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރުގެ އަގު ދުވަހަކު ވެސް މައްޗަށް ނުދާ މިންވަރަށް ގޮސް، ޑޮލަރެއްގެ އަގު 20.20ރ. އަރާފައި ވަނިކޮށެވެ.
މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ޑޮލަރުގެ އަގު އުފުލެން ފެށީ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކަރަން މަޖުބޫރުކޮށް ހެދި ގާނޫނު ތަންފީޒު ކުރަން ފެށި ފަހުންނެވެ.
އެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއަށް ފަހު ޑޮލަރުގެ އަގު ދަށް ނުވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި މުދަލުގެ އަގުތައް ވެސް ދަނީ ބޮޑުވަމުންނެވެ.
.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment