Advertisement

ފ. ނިލަންދޫގައި އަޅަން ބުނި ހޮސްޕިޓަލުގެ މަސައްކަތް އަދިވެސް ބަޔަކާ ހަވާލެއް ނުކުރޭ

24 ޖުލައި 2025 - 19:58 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ހެލްތު މިނިސްޓަރު، އަބްދުالله ހަލީލް. އޭނާ މިހާރު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައި -- ފޮޓޯ: ރައީސް އޮފީސް


ފ. ނިލަންދޫގައި އަޅަން ބުނި ހޮސްޕިޓަލުގެ މަސައްކަތް އަދިވެސް ބަޔަކާ ހަވާލެއް ނުކުރޭ

24 ޖުލައި 2025 - 19:58 0

މިދިޔަ އަހަރު ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރާނެ ކަމަށް ބުނި ފ. ނިލަންދޫ ހޮސްޕިޓަލުގެ މަސައްކަތް އަދިވެސް އެއްވެސް ބަޔަކާ ހަވާލު ކޮށްފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ފ. ނިލަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރާނެ ކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ދިނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ތެރޭގައި އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭރުގެ ހެލްތު މިނިސްޓަރު، އަބްދުالله ހަލީލް އެވެ. ނިލަންދޫއަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ކޮއްކޮ، ފާތިމަތު ސައުދާ ނިސްބަތްވާ ރަށެވެ. އޭނާއަކީ އެ ދާއިރާގެ މިހާރުގެ މެންބަރެވެ.

ނަމަވެސް މި މަހުގެ 10 ވަނަ ދުވަހު އާރްޓީއައިއަކަށް ދިން ޖަވާބުގައި ހެލްތު މިނިސްޓްރީން ބުނީ ނިލަންދޫ ހޮސްޕިޓަލް އާ އިމާރާތް އެޅުމަށް އަދި އެއްވެސް ބަޔަކާ ހަވާލު ކޮށްފައި ނުވާ ކަމަށެވެ.

"ފ. ނިލަންދޫ ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމަށް އަދި އެއްވެސް ފަރާތަކާ ހަވާލު ކުރެވިފައި ނުވާނެ އެވެ. ފ. ނިލަންދޫ ހޮސްޕިޓަލުގެ އާ އިމާރާތަކީ ސައުދީ ފަންޑުގެ ލޯނު އެހީގައި ކުރިއަށް ގެންދާ މަޝްރޫއުއެކެވެ." ހެލްތު މިނިސްޓްރީގެ ޖަވާބުގައި ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ ސައުދީ ފަންޑާއެކު ދިވެހި ސަރުކާރުން ސޮއިކުރީ މެއި 16، 2025 ގައި ކަމަށެވެ.

އޭޕްރިލް 14، 2024 ގައި ފ. ނިލަންދޫ ރައްޔިތުންނާ މުހާބުކުރައްވައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ އެ ރަށުގައި ހޮސްޕިޓަލެއް އެޅުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި ކުރިއަށް ދަނީ އޭގެ ދަށުން ކުރަންޖެހޭ ޑިޒައިން ކުރުން ފަދަ މަސައްކަތްތައް ކަމަށެވެ،

"މިއަދު އަޅުގަނޑު ތިބޭފުޅުންނަށް ދޭން އޮތް އުފާވެރިކަމުގެ މެސެޖަކީ، ވާހަކައަކީ އެ މަނިކުފާނުގެ އިޒުނައާ އެއްކޮށް މިރަށުގެ ހޮސްޕިޓަލެއްގެ އާ އިމާރާތެއްގެ މަސައްކަތް ކުރުމަށްޓަކައި މިހާރު ވަނީ އެމްއޯޔޫގައި ސޮއިކުރެވިފައި،" ހަލީލް އެ ދުވަހު ވިދާޅުވި އެވެ.

"ފައިނަލް ކޮންޓްރެކްޓުގައި ފައިނަލް ކޮންޓްރެކްޓުގައި ސޮއި ކުރާކަށް އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއް ނުނަގާނެ، އިރާދަކުރެއްވިއްޔާ މި އަހަރު ދުވަސްތެރޭގައި އަޅުގަނޑުމެން އެ މަސައްކަތް ފަށާނެ ވާހަކަ ތިބޭފުޅުންނަށް ދަންނަވަން."

ނިލަންދޫގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުގެ މައުލޫމާތު ސަރުކާރުން އަދި ހާމަ ކޮށްފައެއް ނުވެ އެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި ނިލަންދޫގައި އަޅަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

އޭގެއިތުރުން ހުޅުމާލޭގައި އަޅަން މުއިއްޒު ވައުދުވި މަދާ އެންޑް ޗައިލްޑް ހޮސްޕިޓަލާއި ލ. ފޮނަދޫގައި އަޅަން ވައުދުވި ހޮސްޕިޓަލް އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ހިމެނޭހެން ހަތަރު މަޝްރޫއު ހަވާލު ކުރަން ސަރުކާރުން އޭރު މަސައްކަތް ކުރީ ޗައިނާގެ ސީއޭއެމްސީއާ އެވެ.

އެ ހަތަރު ޕްރޮޖެކްޓަށް ސީއެމްސީން ހުށަހެޅި އަގަކީ 370 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން އޭރު މި ނޫހަށް މައުލޫމާތު ދިނެވެ.