24 ޖުލައި 2025 - 12:52 0
ލީވާން އަލީ ނާސިރު
24 ޖުލައި 2025 - 12:52 0
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައި މާދަމާ މާލޭގައި ބާއްވަން ނިންމި "ރަންރީނދޫ" ދުވުން ހުޅުމާލޭގައި ބޭއްވުމަށް ސަރުކާރުން އެންމެފަހުން ހުއްދަ ދިނުމާ ގުޅިގެން އެ ދުވުން އަންނަ މަހު 1 ގައި ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ ރަންރީނދޫ ދުވުން އަންނަ މަހު ބާއްވާނީ ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގައި ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ރަންރީނދޫ ދުވުން އެންމެ ފުރަތަމަ އެމްޑީޕީން ބާއްވަން އުޅުނީ ޖުލައި 18، ގައި ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގަ އެވެ. ނަމަވެސް އެތަނުގައި ދުވުން ބާއްވަން އެޗްޑީސީން ހުއްދަ ނުދިނުމުން ފަހުން އެމްޑީޕީން ނިންމީ ޖުލައި 25، ގައި މާލޭގައި އެ ދުވުން ބާއްވާށެވެ.
އެމްޑީޕީން އޭރު ބުނީ އެންމެ ފަހުވަގުތު ވެސް ދުވުން ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގައި ބާއްވަން ހުއްދަ ދީފިނަމަ، ދުވުން ބާއްވާނީ އެތަނުގައި ކަމަށެވެ. މިގޮތުން ދުވުން އަނެއްކާ ވެސް ސެންޓްރަލް ޕާކަށް ބަދުލުކުރީ އެ ހުއްދަ އެމްޑީޕީއަށް ލިބުމުންނެވެ.
އެމްޑީޕީގެ ރަންރީނދޫ ދުވުން ހުޅުމާލޭގައި ބާއްވަން ހުއްދަ ނުދިނުމުން އެމްޑީޕީން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީއެއް ވެސް ހުށަހަޅާފަ އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބާއްވަން ތައްޔާރުވާ ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ބާއްވާ ދުވުމެކެވެ. އެ ދުވުން ނިންމަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.
ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ޖަލްސާތައް ބާއްވަން ނިންމާފައިވާއިރު، އަންނަ އޯގަސްޓް މަހު މާލޭގައި ޖަލްސާއެއް ބާއްވާނެކަން އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.
Comment