ވާވު ޝިޕްރެކް. --ފޮޓޯ: ހަސަން އަބްސަލް
ވ. އަތޮޅު ޖަވާހިރެއްގެ ގޮތުގައި ފާހަގަކުރެވޭ ޝިޕްރެކް އޮންނަ ފަރުން ނެއްޓި، އެ ބޯޓު އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފްއިން އެދިއްޖެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ކުރި ވިއްސާރައިގައި ގިނަ ދުވަސްވެ ފީވެފައި އޮތުމުން އެ ބޯޓު ވަރަށް ބޮޑަށް ހަލާކުވި އެވެ. އެ ބޯޓުގެ ބައިތައް އެއްކޮށް ފީވެ، ބޯޓާ ވަކިވެގެން އޮޔާ ދިޔުމުން ބޯޓު އޮތީ ވަރަށް ނިކަމެތި ހާލަތެއްގަ އެވެ.
މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް. އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަން،" އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
ވ. އަތޮޅުގައި އޮތް އެ ޝިޕްރެކަކީ މުޅި ރާއްޖޭގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލުވި ތަނެކެވެ. ދުވާލެއްގެ މައްޗަށް އެ ޝިޕްރެކަށް 200 އެއްހައި މީހުން ޒިޔާރަތް ކުރި އެެވެ.
އެ ބޯޓަކީ މީގެ 10 ވަރަކަށް އަހަރު ކުރީން ރާއްޖެއިން ބޭރުން އޮޔާ އައި ބޯޓެކެވެ. އޮޔާ ގޮސް އެ ބޯޓު ވ. އަތޮޅަށް ވަނުމުން ފުރަތަމަ އެ ބޯޓު ކަފުޖަހައިގެން ގެންދަން މަސައްކަތް ކުރީ އެ އަތޮޅު ތިނަދޫ ބައެކެވެ. ނަމަވެސް އެންމެ ދޯންޏެއްގައި އެމީހުންނަށް އެ ބޯޓު ކަފު ޖަހައިގެން ގެންދެވޭ ގޮތެއް ނުވި އެވެ.
އެއަށްފަހު އެ ބޯޓުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ޓީމެއް އެ ސަރަހައްދަށް ގޮސް އެ ބޯޓު ކައިރިއަށް ފީނައި އޭގައި ހަތިޔާރު ހުރިތޯ ބެލުމުގެ މަސައްކަތްތަކެއް ވެސް ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ހަތިޔާރެއް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެ ބޯޓަކީ އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ ބޯޓެކެވެ.
އެ ބޯޓު މިހާރު އޮންނަ ސަރަހައްދުގައި މަޑުޖެހުނީ ވ. ކެޔޮދޫ ބަޔަކު އެ ބޯޓު ކަފު ޖަހައިގެން އެ ރަށް ކައިރިއަށް ގެންގޮސްފައި އޮއްވައި އޮޔާ ގެންގޮހެވެ. ވ. ޝިޕްރެކުގެ ގޮތުގައި އެތަން މުޅި ރާއްޖެއަށް މަޝްހޫރުވީ މީގެ އަހަރުތަކެއް ކުރިން ޓީވީއެމުން ގެނެސްދިން މޯލްޑިވިއަން އައިޑޮލްގެ ތެރެއިން ދެއްކި އެލައިޑް އިންޝުއަރެންސްގެ އިޝްތިހާރެއްގެ ސަބަބުންނެވެ.
Comment