Advertisement

މިނިވަން 60 ގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް: މޯދީ

23 ޖުލައި 2025 - 15:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު. ރާއްޖޭގެ ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގަތީ އިންޑިއާ އާ ދެކޮޅު ހަރަކާތެއްގެ މައްޗަށް ކުރި ކެމްޕޭނަކުން --- ފޮޓޯ: ރައީސް އޮފީސް


މިނިވަން 60 ގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް: މޯދީ

23 ޖުލައި 2025 - 15:27 0

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ބާއްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. އެ ޖަލްސާއަށް ރާއްޖެ ވަޑައިގަންނަވާނެކަނަށް ރަސްމީކޮށް ސޯޝަލް މީޑިއާގައި މޯދީ ވެސް ވަނީ މިއަދު ހާމަކުރައްވާފަ އެވެ.

"މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ވެސް ފުރޭ އަހަރު. ރައީސް މުއިއްޒު އާއެކު ކުރެވޭ މަޝްވަރާތަކަކީ ދެ ގައުމުގެ ގުޅުން ތަފާތު ދާއިރާތަކުން ހަރަދުނާ ކުރެވޭނެ މަޝްވަރާތަކަކަށް ވެގެންދާނެ،" މޯދީ ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ވަޑައިގަންނަވާނީ ޖުލައި 25، ގަ އެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޖުލައި 26، ގައި މޯދީ ރާއްޖެއިން ފުރާވަޑައިގަންނަވާނެ އެވެ.

މޯދީއަކީ މި ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ އެންމެ ފުރަތަމަ ހެޑް އޮފް ސްޓޭޓް އެވެ. އަދި މިއީ ދިވެހިރާއްޖެއަށް މޯދީ ކުރައްވާ ތިން ވަނަ ޒިޔާރަތެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާއިރު ދެ ގައުމުގެ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓުތައް އިފުތިތާހު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.

އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ނަމުގައި ކުރެއްވެވި ކެމްޕެއިނަކަށް ފަހު އެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއާއެކު ވަރަށް ގުޅުން ބަދަހި ކުރެއްވި އެވެ.

ޖެނުއަރީ 13، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު ހުޅުލޭގައި ހުންނަވައި، އިންޑިއާގެ ނަން ވިދާޅުވުނުވެ ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެއް ކަމަށެވެ. "ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ."

އިންޑިއާއިން ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުނު ކަމަށް ވެސް ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.

ރާއްޖެއިން ފަހުން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒުއަށް މަޖުބޫރުވެވަޑައިގަތީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުންނެވެ. ގުޅުން ނޯމަލައިޒް ކުރުމުގެ މުގާބިލުގައި ރާއްޖެއިން އެއްބަސްވީ އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރުގެ މަސައްކަތް އަވަސް ކުރުމަށާއި ލ. އަތޮޅުގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް އެޅުމުގެ މަސައްކަތް އިންޑިއާއަށް ދިނުމަށާއި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށެވެ.

އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގެ ނަމުގައި ތައްޔާރު ކުރި، ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ އެއްބަސްވުމެއްގައި ވެސް ރާއްޖެއިން ސޮއި ކުރި އެވެ.