Advertisement

ބޮޑު ހޭދައެއް ކޮށްލި ޑްރޯން ޝޯގައި "މިނިވަން 60"ގެ ލޯގޯ ނުދެއްކުނު

27 ޖުލައި 2025 - 07:07 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޑްރޯން ޝޯގައި މިރޭ އެންމެ ފަހުން ދެއްކި މަންޒަރުގައި ލިޔެފައި ވަނީ "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު" -- ފޮޓޯ: އަދަދު


ބޮޑު ހޭދައެއް ކޮށްލި ޑްރޯން ޝޯގައި "މިނިވަން 60"ގެ ލޯގޯ ނުދެއްކުނު

27 ޖުލައި 2025 - 07:07 4

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި "މިނިވަން 60"ގެ ލޯގޯ ނުދެއްކުނެވެ.

މީގެ ނުވަ އަހަރު ކުރިން 2016 ގައި ބިންގާ އެޅި އާ ޓާމިނަލް ހުޅުވަން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ޖުމުލަ 10 މަންޒަރެއް ދެއްކި އެވެ. އެއަށް ފަހު ހަ މިނެޓު ވަންދެން ހަވާ އެރުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑްރޯން ޝޯގައި 1200 ޑްރޯން ބޭނުން ކުރި އެވެ. މި ޑްރޯން ޝޯ ޓެސްޓުކުރީ ޖުލައި 25 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އެ ޓެސްޓު ޝޯގައި މިނިވަން 60 ގެ ލޯގޯ ދައްކަ އެވެ. އެ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެވެ.

ނަމަވެސް، ރޭގެ ޑްރޯން ޝޯގައި މިނިވަން ދުވަހުގެ ލޯގޯ ނުދެއްކުނީ ކީއްވެގެންތޯ އެއާޕޯޓުގެ އިސް ބައެއް ވެރިންނާ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވަ އެވެ.

ޓެސްޓު ޝޯގައި ދެއްކި މިނިވަން 60 ގެ ލޯގޯ


އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ ލޯގޯ ނުދެއްކުނީ ޑްރޯން ޝޯ ކުރިއަށް ދަނިކޮށް އޭގެ ތެރެއިން ބައެއް ޑްރޯން ފާލުން ނައްޓައިގެން ގޮސް، އެއާޕޯޓުގެ ރަންވޭ އާއި މުޅި އެ ސަރަހައްދަށް ވެއްޓެން ފެށުމާއެކު އެވެ.

އެ ހިސާބުން ޑްރޯން ޝޯ މެދުކަނޑާލުމަށް ފަހު، ހަމަވާ އަރުވަން ފެށި އެވެ.

ރާއްޖޭން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އެއާޕޯޓުގައި ބޭއްވި ޑްރޯން ޝޯއަށް ކުރި ހަރަދު، މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީން ހާމައެއް ނުކުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވަން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރާ ތުހުމަތާ ގުޅިގެން އެމްއޭސީއެލްއިން ބުނީ އެންމެން ސަޕްރައިޒްކޮށްލާ ވަރުގެ ހަވާ އެރުވުމާއި ޑްރޯން ޝޯއެއް ބާއްވާނެ ކަމަށެވެ.

ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުން އެތައް އިރަކު ރަންވޭ ބަންކުރަން ޖެހުނެވެ. ބައެއް ފްލައިޓުތައް އެއާޕޯޓުގައި ނުޖެއްސި ސްރީ ލަންކާއަށް ޑައިވާޓު ކުރި އެވެ.

އެއާޕޯޓުހެ އާ ޓާމިނަ؛ް ހުޅުމުގެ ރަސްމިއްޔާތަށްޓަކައި ރަންވޭ ބަންދު ކުރީ ރޭ 8:00 ގަ އެވެ. އެ ރަސްމިއްޔާތަށްފަހު ރަންވޭ ހުޅުވާ ގޮތަށް އޮތީ ރޭ 10:00 ގަ އެވެ. ނަމަވެސް ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ރަންވޭ ނުހުޅުވި ވަރަށް ބޮޑަށް ލަސްވި އެވެ. ރަންވޭ ހުޅޫވީ ދަންވަރު 12 ގެ ފަހުންނެވެ.