Advertisement

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

21 ޖުލައި 2025 - 17:20 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

21 ޖުލައި 2025 - 17:20 1

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމުން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 29، ގެ މެންދުރު 12:00 އެވެ. އެ މަގާމަށް ކުރިމަތިލާން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.

އާންމުކޮށް ފަނޑިޔާރުންގެ ކިބައިގައި ހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަވުމުގެ އިތުރުން އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރު ވެފައިވާ މީހުންނަށެވެ.

އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ދާއިރާއިން ޑިގްރީއެއް އޮތުމާއެކު ހަތް އަހަރު ދުވަހުގެ ތަޖުރިބާ އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހެ އެވެ.

މިހާތަނަށް ހަތަރު ބޭފުޅަކު ވަނީ ފެހި ގާނޫނުއަސާސީއަށް ފަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފަ އެވެ. އެއީ، އަބްދުالله ސައީދު، އަހްމަދު ފާއިޒު، އަހްމަދު އަބްދުالله ދީދީ އަދި މުއުތަސިމް އަދުނާން އެވެ.

މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމުން، އުއްތަމަ ފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައި ވަނީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ އެވެ.

ހަމީދަކީ، އާންމުކޮށް ހުޅުވައިނުލާ ސަރުކާރުން ބައެއް ފަނޑިޔާރުންނަށް ދިން ފްލެޓު ގަބޫލު ކުރުމުން ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ވަކި ކުރި ބޭފުޅެކެވެ. އޭނާ މަގާމުން ވަކި ކުރީ ޖޫން 6، 2022، ގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަނޑިޔާރުންނަށް ފްލެޓު ދޭން ނިންމީ، ސަރުކާރުން ބޭނުންވާ ގޮތަކަށް ކޯޓުން ކަންކަން ނިންމައިދޭތީ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންނަށް ދިން ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހަމީދު އައްޔަން ކުރީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ގައިރު ގާނޫނީކޮށް ވަކިކޮށް، ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގަ އެވެ.