Advertisement

އީސީ އޮތީ ވަކި ފަރާތަކަށް ބުރަވެފައި، ރެފެރެންޑަމް އިންސާފުވެރިއެއް ނުވާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

8 މާރިޗު 2026 - 16:23 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވަނީ. މި ރެފެރެންޑަމް ނަގަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން


އީސީ އޮތީ ވަކި ފަރާތަކަށް ބުރަވެފައި، ރެފެރެންޑަމް އިންސާފުވެރިއެއް ނުވާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

8 މާރިޗު 2026 - 16:23 2

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ އަރިހުން އަހަނީ ޣައިރު ދުސްތޫރީ ސުވާލެއް ކަމަށާއި އިލެކްޝަންސް ކޮމިޝަން ވަކި ފަރާތަކަށް ބުރަވެފައި އޮތުމުން އެ ވޯޓު އިންސާފުވެރި ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެ އެވެ.

"ދެ އިންތިހާބު އެއްކޮށްލަން ނުފެނޭ" ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހުރިހާ އިންތިހާބެއް ވެސް ވަކި ފަރާތަކަށް ބުރަ ނުވެ ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މި ރެފެރެންޑަމް ކައުންސިލް އިންތިހާބާއެކު ނެގުމަކީ އެކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ކިހިނެއްތޯ ބެލެވޭނީ މިއީ އިންސާފުވެރި އިންތިހާބަކަށް މީތި މަގުފަހިވާނެ ކަމަށް، ނުއެއް ވާނެ. އެއީ ރައްޔިތުންނަށް ލިބެންވާނެ ވަގުތު. ރިފެރެންޑަމަކީ މުޅިން ހާއްސަ ތަބިއްޔަތެއްގެ އެއްޗެއް،" ކުރީގެ އުއްތަމަ ފަނޑިޔާރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރެފެރެންޑަމާ ގުޅޭ ކެމްޕޭން ކުރުމުގެ ފުރުސަތު ވެސް ލިބެން ޖެހޭ ކަމަށާއި އަދި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެންނެވޭނީ އިލެކްޝަންސް ކޮމިޝަނުން އެ މީހުންގެ ޒިންމާ، ދުސްތޫރީ ޒިންމާއާ ހިލާފުވެ ވަކި ފަރާތަކަށް ބުރަވެގެން ތިބެ ކުރާ ކަމެކޭ މިއީ،"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު އެޕްރީލް ހަތަރެއްގައި ނަގާ މި ވޯޓުގައި ރައްޔިތުންނާ ކުރަނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ސުވާލެކެވެ. އެއީ؛

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

އެ ސުވާލަކީ ވެސް ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ތަފްސީލުކޮށް އަހުމަދު ބަޔާންކޮށްދެއްވި އެވެ.

"އެ ސުވާލު ވެގެން ނުވާނެ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ. ސަބަބަކީ ތަސްދީގު ކުރުމަކީ ރައްޔިތުންގެ ރެފެރެންޑަމްގެ ފަހުން އަންނަ އެއްޗެއް. އެ އިސްތިސްނާގައި،" އަހުމަދު ވިދާޅުވި އެވެ.

ރައްޔިތުންގެ އަރިހުގައި ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމުމަށް ނޭހޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެއީ ގާނޫނުއަސާސީގައި ސަރީހަ އިބާރާތުން ތަސްދީގު ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަސްދީގު ކުރުމަށް ފެނުމާއި ދެ އިންތިހާބު އެއްކޮށްލުމަށް ތާއިދު ކުރުމަކީ މުޅިން ދެ މައުޟޫއުއެއް ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި އޮންނަން ޖެހޭނީ މި ގެނެވުނު އިސްލާހުގައި ހިމެނޭ ކަންކަން، މި ބަދަލު ގެންނަން މަޖިލީހުން ނިންމި ނިންމުން އެކަމާ ރައްޔިތުން ރުހޭތޯ، އެކަމާ ރައްޔިތުން ގަބޫލުތޯ. އެއްވެސް ހާލަތެއްގައި އެއީ ތަސްދީގުކުރަން ފެނޭތޯއެއް ނޫން."

ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ މި ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓު ދިނުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.